ގާނޫނުތަކުގައި ތަޅުއަޅުވައި، ފައިސާ ޗާޕުކޮށް ހަރުމުދާ ނުވިއްކާނެކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީނަށް، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރައްދުދެއްވުމާއި ގުޅިގެން، ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުޙައްމަދު މަލީހް ޖަމާލް ސައީދަށް ފާޑުވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ކުރާ ހަރަދުތައް ފޫބައްދަން އެއާއި އެއްވަރަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ މިނިސްޓަރ ސައީދު މިއަދު ވަނީ، ދައުލަތާއި މީގެ ކުރީން ހަވާލުވި ވެރީން އެބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ 2 މަސް ދުވަހު، ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް އީޖާދީ މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އަދި މިސަރުކާރުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ގާނޫނު ތަޅުއަޅުވާފައި ފައިސާ ޗާޕުކުރުމާއި މާލީޒިންމާއިން ރެކުމަކީ ކުރާނެކަމެއް ނޫން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ސައީދު އެފަދައިން ވިދާޅުވުމާއި ގުޅިގެން މަލީހް މިއަދުވަނީ، ފުނަދޫ ސީޕްލޭން ޓާމިނަލް އެޅުމާއި 25 މިލިއަން ޓޫރިސްޓުން 2028 އަށް ގެނައުންކަހަލަ ހޮޅިވާހަކަ ނުދެއްކުމަށް ގޮވާލައްވާފައެވެ.

އަދި ވިދާޅުވީ، ރައީސް ޔާމީންގެ އިގުތިސާދީ ޓިއުޝަން ކުލާހުން މިނިސްޓަރު ސައީދު އަދި ފާސްނުވާ ކަމަށާއި، އާމްދަނީ ހޯދާނެ ގޮތްތަކުގެ ގިނަ ފިލާވަޅުތައް ނެންގެވި ގިނަ ކުލާސްތަކަށް ސައީދު ވަޑައިނުގަންނަވާ ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވިއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްގީގެ ބޮޑެތި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ރާވަމުން ގެންދާކަމަށް ބުނެފައެވެ. ހާއްސަ ގޮތެއްގައި މާލެ ސަރަހައްދަށް ގެންނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ބޮޑެތި ބަދަލުތައް ވެގެންދާނީ އިގުތިސާދު ފުޅާވެ ގައުމުގެ އާމްދަނީ އިތުރުވެގެން ދާނެކަމެއްކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން