ރަސްމާލެއާއި މާލެ ގުޅާލަން ކަނޑުއަޑިން ހަދަން ނިންމާފައިވާ ޓަނަލްއަކީ މާނައެއް ނެތް ކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

އަލަށް އިންތިހާބު ކުރި މާލޭގެ މޭޔަރު ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކަނޑުއަޑީގެ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށެވެ. މިއީ މިގޮތަށް ދުނިޔޭގައި ބިނާކުރާ ފުރަތަމަ ޓަނަލެވެ. އެ މަސައްކަތް ކުރުމަށްޓަކައި ސަރުކާރުން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ފީޒިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ އެކަމަށް ފާޑުވިދާޅުވެ ޖަމީލު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެތައް ސަތޭކަ ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެއް އަދި އޮތީ ނުކުރެވި ކަމަށެވެ.

އެގޮތުން ރައީސް ޔާމީން މިނިވަންވެސް ނުކުރެއްވޭ ކަމަށާއި އަދި އިންޑިއާއަކީ ބުލީކުރާ ގައުމެކޭ ވިދާޅުވުމުން އެ ގައުމާ އޮތީ ގުޅުންވެސް ގޯސްވެފައި ކަމަށެވެ.

އަދި މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަަތު އެތައް ބަޔަކަށް ނުދިނުމުން އުފެދުނު ހައިޖާނާއެކު ކުރީގެ ނިންމުންވެސް ބަދަލުކުރަން ޖެހުނުކަން ފާހަގަ ކުރެއްވި އެވެ.

"މި ހުރިހާކަމަކާއި އިގުތިސާދީ ދަތި އުނދަގުލާއި އަދި ތަކެތީގެ އަގު ބޮޑުވުމާއެކު ވެސް މުއިއްޒު އެ ވިދާޅުވީ މާނައެއް ނެތް ކަނޑު އަޑީގެ ޓަނަލެއް ހަދާ ވާހަކަ." ޖަމީލު ވިދާޅުވި އެވެ.

އެހެންވެ ގައުމުގެ އިގްތިސާދީ ހާލަތާއި ދިމާވެފައިވާ ގޮންޖެހުންތައް ނޭނގޭ ތަސައްރަފު ނުފުދޭ ވެރިއަކު އިންތިހާބު ކުރެވިއްޖެކަމުގެ ބިރު ހީވެފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައް ނުފުއްދޭ ގައުމެއްގައި މިފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް." ޖަމީލު ވިދާޅުވި އެވެ.

މިހާރު ރައީސް ޔާމީންގެ އިސް ވަކީލުގެ ގޮތުގައި އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭ ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ކުރީ ސަފުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ޖަމީލު ފާހަގަވެފައި ވަނީ އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން