ޚައިރާތުގެ ގޮތުގައި ރާއްޖޭގެ ކަންކަމަށް އެހީތެރިވުމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ގޮވާލައްވައިފިއެވެ.

ޝަހީމް މިގޮތަށް ވިދާޅުވީ މިއަދު ކ. ގުރައިދޫއަށް އިސްލާމިކް މިނިސްޓްރީގެ ފަންޑުން ހަދިޔާކުރާ ޒަމާނީ 32 އެނދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ﷲގެ މަގުގައި ހޭދަކުރައްވަން ބޭނުންވާ ޞަދަގާތްތައް އިސްލާމިކް މިނިސްޓްރީ މެދުވެރިވެގެން ހަދިޔާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

"ﷲގެ މަގުގައި ހޭދަކުރަން ބޭނުންވާ ޚައިރާތުތައް އިސްލާމިކް މިނިސްޓްރީ މެދުވެރިވެގެން ހަދިޔާ ކުރެވޭނެ. އަޅުގަނޑު އެދެނީ ރައްޔިތުން ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް. ނިކަމެތިންނަށާއި ޤުރުއާން ކުލާސްތަކަށާއި ޤުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ޤާއިމުކުރުމަށާއި ތައުލީމަށާއި އެހެނިހެންވެސް ހެޔޮ ކަންކަމަށް ޚަރަދު ކުރުމަށް. މިއިން ކޮންމެ ކަމަކީ ވެސް ހެޔޮ ކަމެއް." މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރަށް ހަދިޔާކުރައްވާއިރުގައި ފަލަސްތީން ފަދަ ޙާލުގައި ޖެހިފައިވާ އެހީއަށް ބޭނުންތެރި ޤައުމުތަކަށް ހަދިޔާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ޢާންމުން ހަދިޔާކުރާ ޞަދަޤާތާއި ޚައިރާތު ހެޔޮ ކަންކަމަށް ވާޞިލްކޮށްދިނުމަށް މިނިސްޓްރީ އިން އަމާނާތްތެރިކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން