ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ނިންމަވާފައިހުރި ކަންކަން މި ސަރުކާރުން ކޮށްގެން ކްރެޑިޓް ނެގުމަކީ ސަޅި ކަމެއް ނޫން ކަަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 ޕަސެންޓް ކައުންސިލްތަކަށް ޖަމާކޮށްދިން ނަމަވެސް އެ ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ރައީސް ސޯލިހު 2022 ވަނަ އަހަރު ނިންމެވި އެވެ. ނަމަވެސް އެ ނިންމުމުގެ ފަހުން އަތޮޅު ފިހާރަތަކަށް ލިބުނު ހުރިހާ ފައިސާއެއް ކައުންސިލްތަކަށް ޖަމާކޮށްދިންކަން ސާފެއް ނުވެއެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި އާދަމް އާޒިމް ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރިން ނިންމާފައި އޮތްގޮތަށް އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ ކައުންސިލްތަކާ ހަވާލުނުކުރާ ކަމަށެވެ.

އެހެންވެ އަތޮޅު ފިހާރަތަކަށް ލިބުނު ހުރިހާ ފައިސާ ދެފުށް ފެންނަ ގޮތަށް ކައުންސިލްތަކާ ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ރައީސް މުއިއްޒު ދެއްކެވި ވާހަކަތައް ސިފަކުރެއްވީ އޮޅުވާލުމެއްގެ ގޮތުގަ އެވެ.

"މީއަޅެ ދެން ބޮޑުވަރެއްނު! ރައިސް އިބޫ ނިންމަވާފަ ހުރިކަންކަން މުޅިން އާކަމަކަށް ހައްދަވައިގެން ރައިސް މުއިއްޒު މި އިޝްތިހާރު ކުރައްވަނީ! ތެލެސީމިޔާކުދިންގެ ކަންތައްވެސް ހަމަ މިހެން! ތެދުވެރި މީހުން ކްރެޑިޓް ނަގާނީ އަމިއްލަޔަށް ކުރާ ކަންކަމަށް! މީތި ސަޅިއެއްނޫން!" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒޭނާ މިހެން ވިދާޅުވި ނަމަވެސް ކުރީގެ ވެރިކަމުގައި ކުރަން ނިންމާފައި ހުންނަ ކަންކަން ހިނގަމުންދާ ވެރިކަމުގައި ކޮށް ނިންމުމާއި، ކުރަން ފެށުމާއި، ނިމިފައި ހުންނަ ކަންކަން "ރިބަން ކަށޑައި" އިފްތިތާހުކޮށް ހުޅުވުމަކީ ކޮންމެ ވެރިކަމެއްގައިވެސް ހިނގާ އާންމު ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން