ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޑިޔާ އާއި ދުރަށް ދާތީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރު ޒިންމާދާރުކުރުވުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން އެކުގައި މަސައްކަތް ފެށި ކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭ ގޮތާއި މެދު އެޕާޓީގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުން ގެއްލޭ ފަދަ ކަންކަން މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި ދުނިޔޭގެ ބޮޑު ބާރެއް ކަަމަށްވާ އިންޑިޔާ އާއި ދެކޮޅަށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތުން އިންޑިޔާގެ ކަނޑު ހިމެނޭ މި ރީޖަން ތެރޭގައި ބޮޑެތި މައްސަލަ ތަކެއް އުފެދިގެން ހިގައިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ މި ދުވަސްވަރަކީ ބޭރުގެ ގައުމުތަކުގައި ވެސް ތަފާތު އެކި ހަނގުރާމަތައް ކުރަމުން އަންނަ ދުވަސްވަރެއް ކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އިންޑިޔާ ކަނޑު ހިމެނޭ މި ރީޖަން އޮތީ ހާސްކަމެއް ނެތި ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއްގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ސިޔާސަތުތަކެއްގެ ސަބަބުން މި އިންޑިއަން އޯޝަންގެ މި ރީޖަންގެ ސްޓެބިލިޓީއާއި ސެކިއުރިޓީއަށް އަސަރުކުރާނެ ކަހަލަ އަދި މި ރީޖަނުން ބޭރުގެ ދުނިޔޭގެ އެތައް ވަރުގަދަ ބާރުތަކެއްގެ ސަމާލުކަން މި ރީޖަނަށް ގެނެސް މި ރީޖަން ތެރޭގައި މައްސަލަތަކެއް އުފެދިގެން ގޮސް މިތަނުގެ ސްޓެބިލިޓީ ގެއްލޭގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެން ދާތަން ފެނުމަކީ، އަދި އެއްވެސް ވިސްނުމެއް ނެތް ގޮތުގައި އެ ކަންތައްތައް ބައްޓަންވެގެންދާތަން ފެނުމަކީ އަޅުގަނޑުމެންނަށް ވަރަށް ކަންބޮޑުވުން ހުރި ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވީ، އިންޑިޔާ އަކީ ޒަމާނުއްސުރެ ރާއްޖޭގެ އަވައްޓެރި ގައުމެއްގެ ގޮތުގައި އަދި ދުނިޔޭގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށެވެ. އެހެން ނަމަވެސް އިންޑިޔާ އާއި ޖެހޭގޮތަށް މި ސަރުކާރުން އަމަލުކުރަމުންދާ ކަމަށާއި އެގައުމުން ރާއްޖެއަށް ފިޔަވަޅުތަކެއް އަޅައިފިނަމަ ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ވެގެން ހިގައިދާނެ ފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ހަަސަން ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެން އެެންމެ ބޮޑަށް މި ސަރުކާރާއި މެދު ކަންބޮޑުވާ އެއްކަމަކީ ވަރަށް ނުރަނގަޅު ގޮތަކަށް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް މިދެންނެވި ކަހަލަ ބޮޑު ބާރަކާއި ޚާރިޖީ ސިޔާސަތު ޖެހޭގޮތަށް ޖެހިގަންނަ ގޮތަށް ބައްޓަންކުރަމުން އަދި އެކަމާއި ދޭތެރޭގައި އަމަލުކުރަމުންދާ ގޮތް އެއީ ވަރަށް ނުރައްކާތެރިކަމެއް، އެއީ ދިވެހިންނަށް ރަނގަޅު ގޮތެއް ނޫން،" ހަސަން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން