މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވާދަ ކުރައްވާ ދާއިރާތަކަށް ވާދަ ނުކުރަން ޕީއެންސީން ނިންމައިފި އެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ތިން ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރާނެ ކަމަށެވެ.

ސިޔާމް އަދި ގާސިމް ވާދަ ކުރައްވަނީ މިހާރުވެސް އެ ބޭފުޅުން ތަމްސީލު ކުރައްވާ ދާއިރާ ތަކަށެވެ.

ނަމަވެސް އަޑު ފެތުރިފައިވާ ގޮތުން ނާޒިމް ވާދަ ކުރައްވަނީ އެހެން ދާއިރާ އަކަށެވެ. ނަމަވެސް އެއީ ކޮން ދާއިރާއެއް ކަމެއް އަދުރޭ ވެސް މިއަދު ވިދާޅެއް ނުވެއެވެ.

"އަޅުގަނޑުމެން ނިންމާފައި މިއޮތީ އެމްއެންޕީގެ ލީޑަރު ރިޓަޔާޑް ކާނަލް ނާޒިމް ވާދަ ކުރައްވާ ދާއިރާއަށް އަޅުގަނޑުމެން ޕްރައިމަރީއަކަށް ނުދާނަމޭ. އަޅުގަނޑުމެން އެ ޕާޓީގެ ލީޑަރަށް އިހުތިރާމް އަދާ ކުރުމުގެ ގޮތުން ވާދަނުކޮށް އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ނާޒިމަށް ދޭނީއޭ." އަދުރޭ ވިދާޅުވި އެވެ.

ސިޔާމްގެ ޕާޓީ އެމްޑީއޭ އަދި ނާޒިމްގެ ޕާޓީ އެމްއެންޕީއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީވެސް މެއެވެ.

މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީން 283 ބޭފުޅުން ވާދަ ކުރައްވަ އެވެ. އަދި 13 ބޭފުޅަކަށް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި އަދުރޭ ވެސް ހިމެނިވަޑައިގަންނަވަ އެެވެ.


ކިޔުންތެރިންގެ ހިޔާލު


-5

މަހުދީ

27-Jan-2024

މިފަހަރު އ ތިންބޭފުޅުންނަށްވެސް މާބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ


8

ހަސަންމަމިކު

27-Jan-2024

މޮޅުނުވާނެކަން ޔަގީން ކުރެވޭތީ



ޓްރެންޑިން