މި ސަރުކާރަކީ ބަލިކަށި ސަރުކާރެއް ކަމަށް ދެކި ސަރުކާރު ހުއްޓުވޭނެ ކަމަށް ހިތަށް ވެސް ނޭރުވުމަށް ވެރިކަން ކުރާ ޕީއެންސީހެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަަން އެމްޑީޕީން މިހާރު މަޖިލިސް ތެރެއިން މަސައްކަތް ކުރަން ނިންމި ނަމަވެސް އެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ޕީޕީއެމް/ ޕީއެންސީން ކަމަށެވެ.

އަދި އެމްޑީޕީން އެ ވާހަކަ ދެއްކީ މާފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށާއި ނަމަވެސް އިދިކޮޅުން މިހާރު އެކަން ކުރަން އުޅެނީ އެންމެ ރަނގަޅު ވިސްނުމުގައި ނޫން ކަމަށެވެ. އަދި އޭގައި އެހެން މަގުސަދެއްވެސް އެބައޮތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި އުޅެނީ ސަރުކާރު ހުއްޓުމަކަށް ގެންނަން. އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވައްޗޭ ސަރުކާރު މިއީ ވަރަށް ބަލިކަށި ސަރުކާރެކޭ. ސަރުކާރު ހުއްޓުމަކަށް ގެނެވިދާނެއޭ. އެކަމެއް ނުކުރޭނެ އިނގޭތޯ. އެއީ ރައްޔިތުން އިންތިހާބުުކުރި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމީ އެމްޑީޕީއަކަށް ނޭނގެއޭ ވެރިކަން ކުރަން، އެމްޑީޕީއަކަށް ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުގެނެވުނޭ. އަމާންކަމެއް ނުގެނެވުނޭ. ހަމަޖެހުމެއް ނުގެނެވުނޭ." އިދިކޮޅަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކަމަށާއި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އިދިކޮޅަކަށް ނުނިކުމެވޭނެ ކަމަށެވެ.

އަދި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުން ލިމިޓްކުރަން އިދިކޮޅުން މަސައްކަތް ކުރި ނަމަވެސް އެ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަކީ ރައީސްއަށް ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން