ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލޭންޑަށް ކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމިިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ރާއްޖެއިން ކުރި އެކްސްޕޯޓްތަކުގެ 66 އިންސައްތަ އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑަށެވެ. ތައިލޭންޑަށްފަހު ދެން ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސި ވިލާތަށެވެ.

ނިމިިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ރާއްޖެއިން ކުރި އެކްސްޕޯޓްތަކުގެ 9 އިންސައްތަ އެކްސްޕޯޓް ކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. ޖަރުމަނު ވިލާތަށް ހަތް ޕަސެންޓު މުދާ އެކްސްޕޯޓުކޮށްފައިވާއިރު ސްވިޒަލޭންޑާއި ފަރަންސޭސި ވިލާތަށް އެކްސްޕޯޓުކޮށްފައިވަނީ ތިން ޕަސެންޓު މުދަލެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އެއީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ ދަށްވުމެކެވެ.

އޭގެ ތެރެއިން، އިމްޕޯޓް އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ޗައިނާ އޮތް އިރު، އޮމާންއިން ވެސް 768 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓުކޮށްފައިވެއެވެ. އެ ލިސްޓުގައި ދެން ހިމެނޭ ގައުމުތައް ކަމަށްވާ، ސިންގަޕޫރުން 731 މިލިއަން ރުފިޔާގެ މުދާ، އިންޑިއާއިން 683 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 591 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ ދަށްވެފައެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް 5.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 5.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

މީގެއިތުރުން، ފާއިތުވި ޑިސެމްބަރ މަހު އިމްޕޯޓު މުދަލުން ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ ދަށްވެފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހު އިމްޕޯޓު މުދަލުން 365 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 332 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މީގެއިތުރުން ރޯޔަލްޓީގެ ގޮތުގައި މިދިޔަ މަހު 18.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން