ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރއެއް ހަދަން އެގްރިކަލްޗަރ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލޭގައި ކެޓް ޝެލްޓަރ އަޅަން ސިޓީ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އާދަމް އާޒިމެވެ.

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ "ޕެޓް ކެއަރ ފެސިލިޓީ"އެއް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގައިވަނީ ހިމަނާފައެވެ.

އެ މަސައްކަތުގެ ދަށުން ހަދާ ވަގުތީ މި ކެޓް ޝެލްޓަރ ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ. މިކަމަށް 5000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސައި ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި މާލެ ސިޓީ ކައުންސިލާ ދެމެދުވަނީ މީގެ ކުރިން ސޮއި ކޮށްފައެވެ.

ކެޓް ޝެލްޓަރ ގާއިމްވެގެން ދިއުމާއެކު މާލެތެރޭ ބުޅާ ގިނަވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި އަމާޒަކީ ހަފްތާ 14 ނިމުމުގެ ކުރިން ފެސިލިޓީ އަޅާ، އާންމުންނަށް ހުޅުވާލުން ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިފަދަ ފެސިލިޓީތައް ގާއިމްކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން