މި ސަރުކާރުން ރާއްޖޭގެ ފޮރިން ޕޮލިސީ ތަންފީޒު ކުރަމުންދަނީ ހަނގުރާމައިގެ ހާލަތަށް ގައުމު ވެއްޓިދާނެފަދަ ގޮތަކަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިހެން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން މިރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރުން އިންޑިއާއާއި ދެކޮޅަށް ގެންގުޅޭކަމަށް ބުނާ ސިޔާސަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ، ރާއްޖެ ހަނގުރާމައިގެ ހާލަތަށް ވެއްޓިދާނެ މަރުހަލާއަކަށް ރާއްޖޭގެ ފޮރިން ޕޮލިސީތައް ދަނީ ތަންފީޒު ކުރަމުންކަމަށެވެ. އަދި އެކަމަކީ ރާއްޖެފަދަ ގައުމަކަށް އެންމެ ރަނގަޅުގޮތް ނޫންކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.

ސަނީފް ވިދާޅުވީ، ޔުކްރޭން، ރަޝިއާ ހަނގުރާމަ ފަދަ ހަނގުރާމަތައް ހިނގަނީ ކީއްވެގެންތޯ މިއަދު ސުވާލު ކޮށްލަން ޖެހޭކަމަށެވެ. އަދި އިންޑިއާފަދަ ބޮޑު ގައުމަކާ ޖެހިގެން ރާއްޖެފަދަ ގައުމަކަށް ވާނެ ފައިދާ އަކީ ކޮބައިތޯއާއި، އޭގެ ބަދަލުގައި އިންޑިއާގެ ދުޝްމަން ގައުމެއް ކައިރިކުރުމުން ދެން ވާނީ ކީއްތޯ ވެސް ވިސްނާލަން ޖެހޭ ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަރުކާރާއި ހަވާލުވެ މިހާތަނަށް ކުރައްވަމުން ގެންދަވަނީ ގޯސް ވެރިކަމެއް ކަމަށާއި ކުރައްވަނީ ވެސް ދެކޮޅު ނުޖެހޭ ހަރަދު ބޮޑުވެ ދަރަނި އިތުރަށް ބޮޑުވާ ޒާތުގެ ކަންކަން ކަމަށެވެ.

އަދި އިދިކޮޅުގައި ތިބެ އެ ވާހަކަތައް އެމްޑީޕީން ދައްކާނެ ކަމަށާއި އެއީ ގައުމުގެ ލާބަޔާއި މަންފާއަށް ކުރާ ކަމެއްކަމަށް ސަނީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން