ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ފުލުހުންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށައިފިއެވެ.

މިނިސްޓަރުންނާ ސުވާލު ކުރުމަށް ސަލްޓަން ޕާކްގައި މިރޭ ބޭއްވި ޕަބްލިކް ފޯރަމްގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ފުލުހުންނާއި ގުޅިގެން ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބިދޭސީން ކުރާ ވިޔަފާރީތައް ދެނެގަތުމަށްފަހު މިނިސްޓްރީއަށް ފުލުހުން އެންގުމުން، އެ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ލޯކަލް ގަވަނަންސް މިނިސްޓްރީން ވެސް ރަށްތަކުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް އެދިފައިވާ ކަމަށެވެ. އެ ދަފްތަރު އެކުލަވާލުމުން ރަށްތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދެނެގަންނަން ފަސޭހަވާނެ ކަން މިނިސްޓަރު ފާހަަގަކުރެެއްވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ގިނަ ފަހަރަށް ވިޔަފާރި ރަޖިސްޓްރީކޮށްފައި އޮންނަނީ ދިވެއްސެއްގެ ނަންމަތީގައި ކަމަށެވެ. އަދި ވިޔަފާރި ހިންގަން ހަވާލުކުރަނީ ބިދޭސީއަކާ ކަމަށް ސައީދު ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ބިދޭސީންނަށް މާރުކޭޓުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިނުވާނެ ކަމަށާއި އަދި މިނިސްޓްރީން ވެސް އެ ހުއްދަ ދީފައިނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ތަންފީޒީ އިދާރާތަކާއި މިނިސްޓްރީއާ ގުޅިގެން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން