އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ އަންނަ މާޗު މަހު އެ ހޮސްޕިޓަލުގައި ފަށާ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 އިން ފެށިގެން އަންނަ މަހުގެ 15އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ އިންޓާންޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން ވެސް ހިމެނެ އެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް އޮވެގެންވެސް ނުވާނެ އެވެ.

މި ފަހަރުގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ 15 ފަރާތަކަށެވެ. އަދި އެއަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ޖާގަ ދިނުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ރާއްޖޭގައި އިންޓާންޝިޕް ފެށީ 2018 ވަނަ އަހަރު އެވެ. އެ އިންޓާންޝިޕް ބޭރުގެ ދަރިވަރުން ވެސް ފުރިހަމަކޮށްފައިވާ އިރު މިދިޔަ އަހަރު ވަނީ އިންޓާންޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ ދުވަހަކަށް 400 ރުފިޔާގެ އެލަވަންސެއްވެސް ދޭން ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން