ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ ތިބުމަށް ނުވަތަ ވާނުވާ ބަންދެއްގައި ތިބެ، ކުށް ސާބިތުނުވާ ފަރާތްތަކަށް ލިބޭ ގެއްލުންތަކަށް ޤާނޫނުގެ ތެރެއިން ފަރުވާއެއްނެތި، ބަދަލުނުލިބޭތީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ވ. އާރަށުގެ ކޮރަޕްޝަން މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އިސްވެ އަލަށް އުފައްދާން މަސައްކަތް ކުރާ ޕީއެންއެފްއިން ރޭ ޕާޓީ އޮފީހުގައި ބޭއްވި ޖަލްސާގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. ނިމިދިޔަ ސަރުކާރުގެ ވެރިކަމުގައި އެތަކެއް ޒުވާނުންނާއި ރައްޔިތުން ވާނުވާ ބަންދެއްގެ ތެރޭގައި ބެއިތިއްބިކަން ޔާމީން ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން އެރައްޔިތުންގެ އާއިލާތަކަށް ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ގިނަ ފަހަރު ވާނުވާ ބަންދެއްގައި އެޒުވާނުންގެ މުޅި ހަޔާތް އެއްކޮށްވެސް ހޭދަކުރަން ޖެހިފައިވާކަމަށެވެ.

"އެތައް ދުވަހެއް ވާނުވާގައި ހޭދަކޮށްފައި ނުކުންނަ އިރު މުޅި ހަޔާތް އެފުށް މިފުށަށް އޮންނަީ ޖެހިފައި. އެކަމަކު ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅުމުން ނުކުންނަ އިރު ލިބިފައި ހުންނަ ގެއްލުންތަކަށް ގާނޫނުން ފަރުވާ ހޯދާ ބަދަލު ލިބޭނެ ގޮތެއް ނޯވޭ. މިއީ ކިހާ ކަންބޮޑުވާން ޖެހޭ ކަމެއްތޯ؟" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ބައެއް ފަހަރު ތަހުގީގު ނިމިގެން ދާއިރު ދައުވާ ކުރެވޭ ވަަރަށް ހެކި ނެތުމުން ބަންދުން ވީއްލަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މިފަދަ ކަންކަމަށް މަޖިލީހުގެ ތެރެއިން ފަރުވާ ހޯދޭނެ ގާނޫނުތައް ހެދުން މުހިންމުކަމަށް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން