ޣައްޒާގައި ސީދާ ގަތުލުއާންމު ހިންގުމަށް ހިތްވަރުދިނުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ނެރުނު އަމުރާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އައިސީޖޭއަށް މި މައްސަލަ ހުށަހަޅާފައިވަނީ ސައުތް އެފްރިކާއިންނެވެ. އެ މައްސަލަ ބެލުމަށްފަހު އައިސީޖޭއިން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމާއި ބެހޭ މުއާހަދާއާއި ޚިލާފު އަމަލުތަކެއް ކަމަށް ނިންމާފައެވެ. އަދި މި އަމަލުތައް ވަގުތުން ހުއްޓުމަށް އަމުރުކޮށްފައިވެއެވެ.

އައިސީޖޭގެ އަމުރާއި ގުޅިގެން ރައީސް ޑރ. މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ގޮވާލާ އައިސީޖޭ އިން މިއަދު ނެރުނު ވަގުތީ އަމުރަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށެވެ.

އަދި ކޮންމެ ފުރާނައެއްގެ ވެސް އަގެއް ވާނެކަމަށާއި އެއީ ރައްކާތެރި ކުރެވެންވާނެ އެއްޗެއް ކަމަށާއި، ބޮން އެޅުމާއި ގެދޮރު ފަނާކުރުން ފަދަ ކަންކަމުން ސުލްހަ ނުގެނެވޭނެކަމަށް ވިދާޅުވެ، އިސްރާއީލްގެ ޖަރީމާތާތައް ހުއްޓާލުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

އޭގެ އިތުރުން ހަގީގީ ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުން ޣައްޒާ ހިފާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަކަށް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ. ނަމަވެސް އިޒްރޭލުން ޣައްޒާގެ އާންމުންގެ ފުރާނަތަކަށް ނުރައްކާ ކުރުން ހުއްޓުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ކޯޓުން އަންގާފައި ވެއެވެ. އަދި ދުނިޔޭގެ އެކި ތަންތަނުން ޣައްޒާއަށް ފޮނުވަމުންދާ އެހީގެ ސާމާނު ފޯރުވުމުގައި ހުރަސް ނޭޅުމަށްވެސް ކޯޓުން އަމުރުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން