ޣައްޒާގައި ގަތުލުއާންމު ހިންގުމަށް ހިތްވަރުދިނުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްޔެ ނެރުނު އަމުރަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ ފަލަސްތީންގެ ރައްޔިތުންނަށްޓަކައި އައިސީޖޭއިން ނެރުނު އަމުރަކީ ޝުކުރުވެރިވުން ޙައްޤު އަމުރެއް ކަމަށެވެ. އަދި މި މައްސަލަ ބައިނަލްއަޤްވާމީ ކޯޓަށް ހުށަހެޅި ދެކުނު އެފްރިކާއަށްވެސް ގާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.



"ދެކުނު އެފްރިކާގެ ހިތްވަރުގަދަ ވަކީލުންނާއި ރައްޔިތުންނާއި އެގައުމުން ހުށަހެޅި މައްސަލައަށް ތާއީދުކުރި ގައުމުތަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން." ގާސިމް ވިދާޅުވިއެވެ.

ނަސްލު ނައްތާލުމަށް މަގުފަހިވެދާނެ އަމަލުތައް ހުއްޓާލުމަށް އައިސީޖޭއިން އިސްރާއީލަށް ދިން ވަގުތީ އަމުރަކީ އިންސާފާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވަނީ ބައިނަލްއަޤްވީމީ ކޯޓުން ނެރުނު ވަގުތީ އަމުރަށް އިޒްރޭލުން ބޯލަނބާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން ޣައްޒާގެ އާންމުންގެ ފުރާނައަށް ނުރައްކާ ކުރުން ހުއްޓުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އިއްޔެގައި ކޯޓުން އަންގާފައި ވެއެވެ. އަދި ދުނިޔޭގެ އެކި ތަންތަނުން ޣައްޒާއަށް ފޮނުވަމުންދާ އެހީގެ ސާމާނު ފޯރުވުމުގައި ހުރަސް ނޭޅުމަށްވެސް ކޯޓުން އަމުރުކޮށްފައި ވެއެވެ. އެއާއެކު، ޣައްޒާގައި ހިންގާފައިވާ ކުށްތަކުގެ ހެކި ނައްތާނުލުމަށްވެސް އައިސީޖޭއިން ނެރުނު އަމުރުގައި ބުނެފައި ވެއެވެ.

އިޒްރޭލުން މި އަމުރުތަކަށް ބޯލަނބާ މިންވަރު ތަހުގީގުކުރުމަށް އެއް މަސް ދުވަސް ތެރޭގައި އަލުން ކޯޓަށް ހާޒިރުވުމަށް އައިސީޖޭއިން އަންގާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން