މުޒާހަރާތަކުގައި ހިނގާ އެންމެހައި ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ އެމުޒާހަރާއެއް ރާވައި ހިންގާ ބަޔަކުކަމަށާއި، އެކަމުގެ ޒިންމާ މުޒާހަރާ ކޮންޓްރޯލްކުރާ ފުލުހުން ނަގަން ނުޖެހޭނެ ކަމުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭބޭއްވި މުޒާހަރާގައި ފުލުހުންގެ ގަޔަށް ހައްޕުޑުޖަހައި ފުލުހުންނާއި ކުރިމަތިލައި ހިންގި ނޭދެވޭ އަމަލުތައް ކުށްވެރިކުރަށްވައި ރީކޯ މޫސާ މަނިކު ވިދާޅުވީ ފުލުހުންގެ ޤާނޫނީ ވާޖިބް އަދާކުރުމަށް ހުރަސް އެޅުމަކީ އެއެއްވެސް ބަޔަކު ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ. އަދި މުޒާހަރާތަކާއި އެއްވުންތަކުގައި ހިނގާ ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ އެކަމެއް ރާވައި ހިންގި މީހުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ނުކުންނާނީ އެމީހުންގެ ޤާނޫނީ ވާޖިބް އަދާކުރަން. ސިޔާސީ މީހުން މުޒާހަރާ ރާވާއިރު އެތަނުގައި ހިންގާ ކަންކަން ރާވާ މީހުންގެ ފުރިހަމަ ބެލުމުގެ ދަށުގައި ކުރިއަށް ގެންދަވާ. ފުލުހުން ގަޔަށް ކުޅުޖަހާ ފުލުހުންނަށް ހަމަލާ ދީގެން ނުވާނެ." އިދިކޮޅުގައި އެމްޑީޕީއާއިއެކު ހުންނެވި އިރު ގިނަ މުޒާހަރާތަކުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވި ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ފުލުހުންނާއި ކުރިމަތިލައި އިންސާނިއްޔަތާއި ޚިލާފްކަންކަން މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ދެކޮޅަށް ހިންގުމުން އެކަމާއި ކަންބޮޑުވެ ތެދުވާނެ އިންސާނީ ކަރަމާތޭ ކިޔައި އުޅޭ ޖަމްއިއްޔާއެއްވެސް އަދި ކޮމިޝަނެއްވެސް މިއަދު ނުފެންނަކަމަށެވެ. ފުލުހުންގެ ކަރާމަތަށް ހުރަސްއަޅައި ފުލުހުންނާއި ކުރިމަތިލުމުން އެކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅެއް މަޖިލިސް ތެރެއިންވެސް އަޅަންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.

"މުޒާހަރާގެ ބައިވެރިއެއްގެ ބުރަކަށީގަ ފުލުހަކު ބާރަށް އަތްލިޔަސް ހިއުމަންރައޓްސް ޖަމްއިއްޔާތަކާ އެތަންމިތަނުން ބަޔާންތައްނެރެ މަޖިލީހަށް ކުއްލިމައްސަލަ ވައްދާހިސާބަށްދާނެ؟ ފުލުހުންގެ ގަޔަށްކުޅުޖެހީމަ އެކަމާ ވެސް ކުށްވެރިވާނީ މުޒާހަރާ ކޮންޓްރޯލްކުރި ފުލުހުންތޯ؟" މޫސަ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑުޖެހި މައްސަލައެއް ތަޙްޤީގުކުރަމުން އަންނަކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރ މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީ ވާޖިބު އަދާކުރައްވަމުން ދިޔަ ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހުމަކީ ނާތަހުޒީބު ޢަމަލެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަބޫމުޙައްމަދު

30-Jul-2020

ތިޔައީ ނާތަހުޒީބު އެމްޑީޕީ ރާވައިގެން ހިންގި ނާތަހުޛީބު ޢަމަލެއް. ބޭނުމަކީ ޕްރޮގްރެސިވް ކޯލިޝަންގެ ބަޔަކު ފްރޭމްކޮށް އަދަބު ދިނުން. އެ ފަދަ ނާ ތަހުޛީބު ޢަމަލެއް ޕްރެގްރެސިވް ކޯލިޝަންގެ ބަޔަކު ނިހިިންގާނެ ކަމާއި ފުލުހުންގެ މޫނަށް ކުޅުޖަހައި ފުލުހުންނާ ކުރިމަތިލައި ތަޅައި އަނިޔާކުރީ, އަދި ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދާން ގޮވީ ކޮން ބަޔެއްކަން ރެކޯޑްތަކުން ފުލުހުންނަށް ސާފުވާނެއެވެ. އަދި މަގުމަތީ ކޯޓްހަދައިގެން ހުކުމްކުރީ ކާކުކަމާއި މަގުމަތީ ޖަލްސާ ބާއްވައިގެން "ކިނބިގަސްދޮށުގެ" ސަރުކާރަށް "ނެގީ" ކޮން ބަޔެއްކަން މިއަދު މޫސައާއި މައުމޫނު ހަނދާން ނެތަސް އެކަން ހަނދާން ހުރި ބަޔަކު ވެސް އުޅޭނެތާއެވެ!



ޓްރެންޑިން