ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބަ އޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްވަމުންދާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕިއެމް ކޯލިޝަނުން ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ސަރުކާރާއި އެމަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނާއި މެދު އޮތީ ތެދު ނިޔަތާއި އިހުލާސްތެރިކަން ކަމަށެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެންވީމަ މި ދެންނެވީ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް،" މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާނެ ކަން ހާމަކުރައްވައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އިންތިހާބު ނިމުމުން ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއަށްފަހު އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން