ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ކުރީގެ ގިނަ މަޖިލިސް މެންބަރުންތަކެއް އެ ކޯލިޝަންގެ ޓިކެޓް ކާމިޔާބުކުރައްވައިފި އެވެ.

ޕީޕިއެމް-ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން ހަވީރު 5:00 ގެ ނިޔަލަށެވެ. އިންތިހާބުގެ ވޯޓްލުން ނިމި ވަގުތީ ނަތީޖާތައް އިއުލާން ކުރަމުންދާއިރު މިހާތަނަށް ސާފުވި ނަތީޖާ ތަކަށް ބަލާއިރު ކުރީގެ ގިނަ މެމްބަރުންތަކެއް ވަނީ ޕީޕިއެމް-ޕީއެންސީ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.

އެގޮތުން ނަތީޖާ ދައްކާގޮތުން ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ވިލިމާލެ ދާއިރާގެ ޓިކެޓް ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ކާމިޔާބު ކުރެއްވިއިރު އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 18 ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާޙިމް ފަލާހެވެ.

އަދި ދިއްދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯއްދެވިއިރު ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މިލަންދޫ ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.

ދެން ޓިކެޓް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ތުލުސްދޫ ދާއިރާގެ ޓިކެޓް، މިހާރު ވެސް އެ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހިމެނެއެވެ. ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އައިފަން އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ލިބިވަޑައިގަތީ އެ ސިޓީގެ ކައުންސިލްގެ މެންބަރު މުހައްމަދު ދާއޫދެވެ. މާފުށީ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ އެންމެ ފަހުން ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެވެ.

ހުރާ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ކ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ވާރިސް އެވެ.

ޕީޕީއެމުން މީގެކުރިން ބުނެފައިވަނީ 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިޔަ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި ކަމަށެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔައިރު ބައެއް ވޯޓްލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިނގާފައެވެ. 70000 އަށް ވުރެ ގިނަ މެމްބަރުން މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ ކަމަށް ޕީޕިއެމް-ޕީއެންސީ އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން