މެދު ހެންވޭރު ދާއިރާގެ ބައެއް ވޯޓުތައް ވީދާލައިފައި އަދި ބިންމައްޗަށް އުކާލައިފައި -- ފޮޓޯ: ވީޑިއޯ ކެޕްޗާ
މެދު ހެންވޭރު ދާއިރާގެ ބައެއް ވޯޓުތައް ވީދާލައިފައި އަދި ބިންމައްޗަށް އުކާލައިފައި -- ފޮޓޯ: ވީޑިއޯ ކެޕްޗާ
މިއަދު ކުރިއަށްދިޔަ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ އިލެކްޝަނުގައި މާލެ މެދު ހެންވޭރު ދާއިރާގެ ވޯޓުފޮށި ދޮށުގައި ހަމަނުޖެހުން ހިންގައި އެފޮށީގައި ހުރި ވޯޓު ކަރުދާސްތައް ވީދާލައިފިއެވެ.

މިވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތައް ވީދާލައިފައިވަނީ ވޯޓު ގުނުމަށް ވޯޓު ފޮށި ހުޅުވައި ވޯޓު ކަރުދާސްތައް ވަކިކުރަމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާ ބެހޭގޮތުން ރަސް އޮންލައިންއަށް މަޢުލޫމާތު ދެމުން އެ ދާއިރާއަށް ވާދަކުރަށްވާ ހަސަން ރަމީޒު (ޓިމޯ) ވިދާޅުވީ ވޯޓު ލުން ފެށުމުގެ ކުރިންވެސް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި، ހާއްސަ ގޮތެއްގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ކުއްލިއަކަށް ބަދަލު އައުން ފާހަގަވިކަމަށެވެ.

ޓިމޯ ވިދާޅުވީ ވޯޓު ލެވޭ މީހުންގެ ރަސްމީ ލިސްޓު ހާމަކުރުމަށް ފަހު އެލިސްޓުން ތިން ސަތޭކަ އެއްހާ މީހުން އުނިކޮށް އާ ލިސްޓެއް ވޯޓު ލުން ފެށުމުގެ ކުރީ ރޭ އާންމުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު މާބޮޑު ހަމަނުޖެހުމެއް އުފައްދާފައި ނުވާކަމަށް އޭނާ ވިދާޅުވެފައި ބެއެވެ.

އަދި މިއަދު ވޯޓު ފޮށި ދޮށުގައި ހަމަ ނުޖެހުން ހިނގާ ދިޔައީ ވޯޓު ގުނުމަށް ވޯޓު ފޮށި ހުޅުވައި ވޯޓު ކަރުދާސްތައް ދެ ކެންޑިޑޭޓަށް ވާގޮތައް ވަކިކުރަމުން ދަނިކޮށް، އެއް ކެންޑިޑޭޓައް ގިނައިން ވޯޓު ލިބިފައިވާކަން ފެންނަން ފެށުމުން ކަމަށް ޓިމޯ ފާހަގަކުރެއްވިއެވެ. އަދި އެންމެ ގިނައިން ވޯޓު ލިބިފައިވާ ކެންޑިޑޭޓުގެ ވޯޓު ކަރުދާސްތައް ވީދާލައި ބިންމައްޗަށް އުކާލީ އެތަން އޮބްޒަރވް ކުރަން ގޮސް ހުރި ޕާޓީގެ މެމްބަރެއް ކަމަށް ޓިމޯ ވިދާޅުވިއެވެ.

ޓިމޯ ވިދާޅުވީ މިމައްސަލަ ޕީޕީއެމް ޕީއެންސީގެ ޝަކުވާ ބަލާ ޓީމަށް ހުށައެޅުމުން، ވޯޓު ފޮއްޓާ ބެހޭގޮތުން މާދަމާ ގޮތެއް ނިންމަވާނެކަން ހާމަކޮށްފައިވާކަމަށެވެ.

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި މާލެ މެދު ހެންވޭރު ދާއިރާ އަށް ކުރިމަތި ލާފައިވަނީ ދެމެންބަރުންނެވެ. އެއީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ހަސަން ރަމީޒު (ޓިމޯ) އަދި ހުސެއިން ނާޞިހު އެވެ.

ވޯޓު ގުނުމަށް ވޯޓު ފޮށި ހުޅުވައި ވޯޓު ކަރުދާސްތައް ދެ ކެންޑިޑޭޓަށް ވާގޮތައް ވަކިކުރަމުން ދިޔަ އިރު، އެންމެ ގިނަ ވޯޓު ލިބިފައިވާކަން ފާހަގަވެފައިވަނީ ޓިމޯއަށް ކަމަށް، އެކެންޑިޑޭޓުގެ ޓީމުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން