ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މިސަރުކާރާއި ދެކޮޅަށް ރައްޔިތުން ނުކުތީ ރައްޔިތުން މަގުމަތި ކުރުމުން ކަމަށާއި، ދެން ރައްޔިތުން ނުހުއްޓުވޭނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުން ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުން ވަރަށް ހާލުގައި ޖައްސައި ބިކަ ކޮށްފައިވަކަމަށެވެ. ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ސަރުކާރު ނުކުޅެދި ރައްޔިތުންގެ ހާލުގައި ޖެހި މަގުމަތިވުމުން ސަރުކާރާއި ދެކޮޅަށް ކުރާ އިހުތިޖާޖުތައް ނުހުއްޓުވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ރައްޔިތުން ހޯދާނީ މަގުތަކަށް ނިކުމެ އަޑު އިއްވައިގެންކަމަށެވެ. މިސަރުކާރަކީ ބުނެ ކިޔައިގެން އަޑުއިވޭނެ ސަރުކާރެއް ނޫންކަމަށާއި، އަޑު އިއްވެން އޮތްގޮތަކަށް މިސަރުކާރަށް ރައްޔިތުން އަޑު އިއްވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައްޔިތުން މަގު މައްޗަށް ނިކުތީ މި ސަރުކާރުން ރައްޔިތުން މަގުމަތިކުރީމަ. ނިކަމެތި ކުރީމަ. ބިކަ ކުރީމަ. މިހިސާބަށް ދިޔާމަ ރައްޔިތުން ނިކުންނާނެ. ރައްޔިތުންގެ އަޑު ރައްޔިތުން އުފުލާނެ. ރައްޔިތުންގެ ބަސް ރައްޔިތުން އިއްވާނެ. ރައްޔިތުންގެ ހައްޤު ރައްޔިތުން ހޯދާނެ. ރައްޔިތުން ނުހުއްޓުވޭނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިން ފުލުހުންގެ ގަޔަށް ކުޅު ޖަހާފައިވާ ކަމަށް ވިދާޅުވެ، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ހަޑިމުޑުދާރު ޢަމަލަކީ އެހެން ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ ފުލުހުންނަށް ވެސް އެނގިގެން ކަމަށާއި، އިހުތިޖާޖް ފެށުމުގެ ކުރިންވެސް މިފަދަ ޢަމަލެއް ހިނގަން އުޅޭކަން ފުލުހެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރޭގެ މުޒާހަރާ ކުރިޔަށް ދަނިކޮށް ފުލުހުންގެ ގަޔަށް ކުޅު ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް، ސީޕީ ހަމީދު ވަނީ އާންމު ކުރައްވާފައެވެ. މިކަމާއި ގުޅިގެން ސިޔާސީ ގިނަ ބޭފުޅުން އަންނަނީ އެކަން ކުށްވެރިކޮށް އެ ޢަމަލު ހިންގި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން