ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް މަގާމުތަކަށް އައްޔަނުކުރެވޭ މީހުންނަކީ ގާބިލުބައެއްކަން ކަނޑައަޅަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަލީމް ވަނީ މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ސަލީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭން ގާނޫނު އަސާސީގައި ބުނާ ފަސް ޝަރުތަކީ ވަރަށް އާދައިގެ ފަސް ޝަރުތު ކަމަށެވެ.

އަދި އޭގެ ތެރޭގައި ރަނގަޅަށް ލިޔަން ކިޔަން އެނގުންވެސް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ގާނޫނު އަސާސީގެ 132 ވަނަ މާއްދާގައި އެބަ ބުނޭ ވަޒީރުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް. ވަރަށް ގިނަ ވަރަށް މުހިންމު ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ހިމެނޭ. އޭގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން

ތަަރައްގީ ކުރަން ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ވެސް މީގެ ތެރޭގައި ހިމެނޭ." ސަލީމް ވިދާޅުވި އެވެ.

އެހެންކަމުން ވަޒީރުންނަށް ރުހުން ދޭއިރު އެ މީހުން ގާބިލުކަން ހުރި މިންވަރު ބަލަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އެކަމަކު ކޮމިޓީ ރިޕޯޓްގައި އެކަންކަމަށް ރިއާޔަތްކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާ ހިސާބަށް އަޅުގަނޑުމެންނަށް އާދެވުނު އިރު އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނަމަވެސް ދައުލަތުގެ އެކިއެކި މަގާމުތަކަށް އައްޔަނުކުރެވޭ ފަރާތްތަކަކީ ގާބިލު ބައެއްކަން ކަނޑައެޅުން އަޅުގަނޑުމެންގެ މައްޗަށް މިއަދު ވާޖިބުވެއްޖެ." ސަލީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން