ވަޒީރުންނަށް ރުހުން ދިނުމުގައި ޒާތީކަން ނުބަހައްޓަވައި ޕްރޮފެޝަނަލް ވުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ގޮވާލައްވައިފި އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމާފައިވާ އިރު ދައުރުން ބޭރުން މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިޔްޔާ ކެބިނެޓަށް ވަޒީރުން އައްޔަނުކުރެއްވި ގޮތަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީންވެސް އޮތީ ނިންމާފައި ކަމަށެވެ.

އަދި މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަކީ ރަނގަޅު ފުރިހަމަ ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތައް ގާނޫނު އަސާސީއާއި އެއްވެސް ބުރޫ އެރުމެއް ނެތް ނަމަ، އެންމެ ފުރަތަމަ މި ހުށަހެޅޭ ކެބިނެޓަށް އަޅުގަނޑުމެން އެންމެން ރުހުން ދޭން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެން ނޫންނަމަ ވަޒީރުންގެ މައްސަލަ ކޮމިޓީން ދިރާސާކޮށް އެކަން ތަޅުމަށް ފޮނުވީސް ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ވަޒީރެއްގެ މައްސަލައެއް ފޮނުވާފައި ނެތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރެޓިކް ސޮސައިޓީތަކުގައި ވެސް އޮންނަ ގޮތަކީ އަޅުގަނޑުމެން ނިންމާ ނިންމުން ވާންވާނީ ޕްރޮފެޝަނަލް ނިންމުކަށް. ގައުމަށް އެންމެ ރަނގަޅު ނިންމުމަށް." ރިޔާޒް ވިދާޅުވި އެވެ.

އެހެންކަމުން ކޮމިޓީން ނިންމާފައިވާ ގޮތަށް ހުރިހާ މެމްބަރުން ވެސް ވޯޓު ދިނުމަށް ރިޔާޒް ގޮވާލެއްވި އެވެ.

އަދި ޒާތީ ގޮތުން ކަންކަން ނަންގަވައިގެން ގައުމާ ދޭތެރޭ ކަންކަން ނުނިންމުމަށް ވެސް ރިޔާޒް ގޮވާލެއްވި އެވެ.

ރިޔާޒް ވިދާޅުވީ އެއްވެސް ވަޒީރެއްގެ މައްސަލައެއް އޮތް ނަމަވެސް އެ މައްސަލައެއް މަޖިލީހުން ބެލުމަށް ފަހު އެ ބޭފުޅަކު މަގާމުން ދުރުކުރެވޭނެ ގޮތް މިހާރުވެސް އެބައޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން