ރާއްޖޭގެ ރިޒާވް މިހާރު އޮތީ ވަރަށް ދަށް ހިސާބެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ސަލީމް ވިދާޅުވީ ދައުލަތުގެ ރިޒާވް ދަށްވެފައިވާ ދަނޑިވަޅެއްގައި ގިނަ ވުޒާރާތައް އުފައްދަވާފައި ސަަރުކާރުގެ އިސް އޮފިޝަލުންނަށް މުސާރަ ދޭ ވަރަށް ރާއްޖޭގެ މާލީ ޙާލަތު ތަންނުދޭ ކަމަށެވެ. 120 މިލިއަން ޑޮލަރު ރިޒާވްގައި ހުސްވި ޑިސެމްބަރގައި. ހުރި ނަމަވެސް، މިހާރު ރިޒާވްގައި އޮތް މިންވަރު 70 މިލިއަން ޑޮލަރަށްވުރެ ދަށް ކަމަށް ސަލީމް ވިދާޅުވިއެެވެ. އެގޮތުން ރިޒާވްގައި ހުންނަންޖެހޭ އެންމެ ދަށް މިންވަރެއް ކަނޑަައެޅެންޖެހޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"ރާއްޖޭގެ ރިޒާވް މިހާރު މިއޮތީ ރަތްރޮނގު ހުރަސްކޮށްފައި. ރިޒާވް މިއަދު އެދަނީ ހުލިވަމުން، ދިވެހި ރާއްޖޭގެ ޒަރޫރީ ބޭނުންތައް ހިފެހެއްޓުމަށްޓަކައި މަދުވެގެން މަހަކަށް 100 މިލިޔަން ޑޮލަރު އެބަ ބޭނުންވޭ." ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ދައުލަތުގެ ކޮންމެ ޕްރޮޖެކްޓަކަށް ވަކި ވުޒާރާއެއް އުފައްދަވަން ޖެހިވަޑައިނުގަންނަވާ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަރުކާރަށް ދެ މަސްވީއިރު ވަޒީރުންގެ ފެންވަރުގައި 45 ބޭފުޅުން، ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 91 ބޭފުޅުން، ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 163 ބޭފުޅުން ތިބިކަން ސަލީމް ފާހަގަކުރެއްވިއެވެ. އަދި މި އަދަދުތަކަކީ ޔޫރަޕް ސަރަހައްދާއި ސިންގަޕޫރް ފަދަ ރާއްޖެއަށްވުރެ މާ ބޮޑެތި ގައުމުތަކުން ހިންގާ ވުޒާރާތަކާއި އަޅާބަލާއިރު ވެސް އިތުރު އަދަދެއް ކަމަށް ސަލީމް ވިދާޅުވިއެވެ. ސަރުކާރު މަތިބަރު ކަަމަށް ވިދާޅުވެ ސަލީމް ވަނީ މާ ގިނަ ވުޒާރާތައް މިހާ އާބާދީ ކުޑަ ޤައުމެއްގައި އޮތުން ރަނގަޅު ނޫންކަން ފާހަގަކުރައްވާފައެވެ.

"5 މިނިސްޓަރުން ހިންގާ ޤައުމުތައް ފެނިއްޖެ. (ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ) މުސާރައަށް 13 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭ. މިނިސްޓަރުންގެ ފެންވަރުގައި މަގާމްތައް އެބަ އުފެދޭ. ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ މަސައްކަތްތައް ހުއްޓިފައި އޮތްތަން. އެހެން ނަމަވެސް، އަޅުގަނޑުމެން ސިޔާސީ މަގާމްތަކަށް 13 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިލުމެއް ނުވޭ." ސަލީމް ވަނީ ސަރުކާރުގެ އިދާރާތައް އިތުރުކުރަމުންދަނީ ވަކި ބަޔަކަށް މަންފާ ކުރަންވެގެން ކަމަށް ތުހުމަތު ކުރައްވާފައެވެ.

މަޝްރޫއުތައް ހުއްޓިފައި އޮތް މައްސަލައަކީ ޅެމަކުން ނުވަތަ ރައިވަރަކުން ހައްލު ހޯދޭނެ މައްސަލަތަކެއް ނޫން ކަން ސަލީމްގެ ވާޙަކައިގައި ފާހަގަކުރެއްވިއެވެ. މިނިސްޓްރީތައް ގިނަވުމުގެ މާނައަކީ މަސައްކަތުގެ ސްޕީޑް އަވަސްވުން ނޫންކަމަށާއި އޭގެ މާނައަކީ ދަރަނިބޮޑުވެ ހަރަދު އިތުރުވެ މަތިބަރުވުން ކަން ސަލީމް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން