މެޑިކަލް އިވޭކުއޭޝަނާއި ގެއްލިގެން އުޅޭ މީހުން ހޯދުމަށް ޚާއްސަކޮށް ދެ ހެލިކޮޕްޓަރު ގެނެސްގެން އެ ޚިދުމަތް އަލުން ފަށަން ނިންމައިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ކެބިނެޓް ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހާ ގުޅިގެން ބަލިމީހުން އެއްރަށުން އަނެއްރަށަށް ގެންދިއުމާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

އެކަމަށްޓަކައި ދެ އިންޖީނުލީ ހެލިކޮޕްޓަރު ހޯދުމަށް ވާދަވެރި ބީލަމެއް އިޢުލާންކޮށްގެން އެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ކެބިނެޓުގައި މިއަދު މަޝްވަރާކުރި ކަމަށް ނާޒިމް ހާމަކުރެއްވިއެވެ. ގެއްލިގެން މީހުން ހޯދުމާއި މެޑިކަލް އިވޭކުއޭޝަންތަކަށް ނޫން އެހެން ބޭނުންތަކަށް ހެލިކޮޕްޓަރ ބޭނުންކުރެވޭނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށްވެސް ނާޒިމް ހާމަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް މި ޚިދުމަތް ކުރިއަށްގެންދިއުމަށްޓަކައި އެކަމަށް ޚާއްސަ ތަޖުރިބާކާރެއްގެ އެހީ ހޯދާނެ ކަމަށެވެ.

"ހެލިކޮޕްޓަރުގެ ހިދުމަތް ފަށައިގަންނަން ބޭނުންވާ އެ ދާއިރާގެ ކޮންސަލްޓެންޓަކު ހޯދުމަށާއި ރެގިއުލޭޓަރީ މަސައްކަތްތައް ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އިތުރަށް ބޭނުންވާ އޮފީސް ޖާގައެއް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން ހިމެނޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވިގޮތުގައި މި ދެ ހެލިކޮޕްޓަރަށް ބޭނުންވާ ޖާގަ ހުންނަ ތަނެއް ހުޅުލޭގައި ގާއިމުކުރާނެ ކަމަށެވެ. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވޭ ނަމަ އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށާއި ސިވިލް އޭވިއޭޝަންގެ ބަޖެޓު އިތުރުކުރުމަށް ސަރުކާރުން ނިންމާފައި ވާކަމަށް ނާޒިމު ވިދާޅުވިއެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމަވާފައިވާއިރު މެޑިކަލް އިވެކުއޭޝަން އަދި ސާޗް އެންޑް ރެސްކިއުގެ ހިދުމަތަށް މީގެ ކުރިން ބޭނުންކޮށްފައި ވަނީ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން