އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ އިޒްރޭލުގެ މައްސަލަައިގައި ދިވެހި ސަރުކާރުގެ އެޖެންޓަކަށް ބަންޑާރަ ނައިބު ހަމަޖައްސަވައިފި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކުރީ މިއަދު ހަވީރު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ ފަލަސްތީންގެ ޣައްޒާގައި ހިންގާ ގަތުލުއާންމު ކުށްވެރިކޮށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖޭން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލާގައި ރާއްޖެ ތަމްސީލުކުރައްވާ އެޖެންޓެއްގެ ގޮތުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ހަމަޖައްސަވާފައިވާ ކަމަށެވެ.

ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މި މައްސަލައަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ވަނީ މީގެ ކުރިންވެސް ހާމަކޮށްފައެވެ.

ދެކުނު އެފްރިކާއިން މި މައްސަލަ އައިސީޖޭއަށް ހުށަހެޅީ އިޒްރޭލުން ނަސްލު ނައްތާލުމާއި ދެކޮޅު މުއާހަދާއާއި ޚިލާފަށް އިޒްރޭލުން އަމަލުކުރާ ކަމަށް ބުނެ އެކަމުގެ ވިޑިއޯ، ފޮޓޯ އަދި އޯޑިއޯ ހެކިތަކާ އެކުއެވެ.

އެމައްސަލައިގައި މިދިޔަ ހުކުރު ދުވަހު ދަ ހޭގްގެ ކޯޓުން ވަނީ އިޒްރޭލުން ޣައްޒާގެ ޢާންމުންގެ ފުރާނައަށް ނުރައްކާ ކުރުން ހުއްޓުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ވަގުތީ އަމުރެއް ނެރެފައެވެ. އަދި ދުނިޔޭގެ އެކި ތަންތަނުން ޣައްޒާއަށް ފޮނުވަމުންދާ އެހީގެ ސާމާނު ފޯރުވުމުގައި ހުރަސް ނޭޅުމަށްވެސް ކޯޓުން އަމުރުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން