މިނިސްޓަރ ސައީދު ހިއްސާ ކުރައްވާފައިވާ އިހަވަންދިއްޕޮޅު ޕްރޮޖެކްޓުގެ ކުރެހުމެއް
މިނިސްޓަރ ސައީދު ހިއްސާ ކުރައްވާފައިވާ އިހަވަންދިއްޕޮޅު ޕްރޮޖެކްޓުގެ ކުރެހުމެއް
މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އިހަވަންދިއްޕޮޅުން މި މަޝްރޫޢަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ވަނީ ދެއްވާފައެވެ. އަދި މި މަޝްރޫޢު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކެބިނެޓް ވަޒީރުންގެ ނިންމެވުންތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށްދެއްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރެއްގެ ގޮތުގައި ސަރުކާރުން ދާދިފަހުން އުފެއްދެވުމަށް ނިންމެވި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށާއި، އަދި މި ސަރަޙައްދު ތަރައްޤީކުރާނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ވަޞީލަތްތަކާ އެކުގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފައްދަވަން ނިންމެވި ކުންފުންޏަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ޤައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނިއަކީ ސަރުކާރު ހިއްސާވާ ފަސް ކުންފުޏެއްކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާގޮތަށް އުފައްދާފައިވާ މައިކުންފުންޏެކެވެ.

މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ފްރީ ޓްރޭޑް ޒޯންތައް ޤާއިމުކުރުން ހިމެނެއެވެ. އަދި އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމާއި އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ރާއްޖެއާ ރާއްޖެއިން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ޕްރޮސެސިންގ މަސައްކަތްތައް ހިންގުން މި ކުންފުނި އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން