ރާއްޖެއަށް އަލުން ހެލިކޮޕްޓަރ ހިދުމަތް ތައާރަފް ކުރުމާއެކު ފަތުރުވެރިކަމާއި ސިއްހީ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާއެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތަޢާރަފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެންނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއަށް އަލުން ހެލިކޮޕްޓަރ ހިދުމަތް ތައާރަފް ކުރަން ނިންމެވުމަކީ ތާރީޚީ ނިންމެވުމެއްކަމަށެވެ. އަދި މިއީ 1999 ވަނަ އަހަރަށްފަހު ރާއްޖޭގެ އޭއޯސީގެ ދަށުން ހެލިކޮޕްޓަރު ޚިދުމަތް ދޭނެ ފުރަތަމަ ފަހަރުކަމަށެވެ. އަދި ރާއްޖޭގައި ހެލިކޮޕްޓަރ މެދުވެރިކޮށް މެޑް-އިވެކް، ސަރވޭލަންސް، އަދި ޕެސެންޖަރ ޚިދުމަތްތަކުގެ އޮޕަރޭޝަންތައް ފެށުމަށް ބޭނުންވާނެ ފްރޭމްވޯކްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ހެލިކޮޕްޓަރ ޚިދުމަތާއިއެކު ޓޫރިޒަމް އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ސީޕްލޭން އަދި ފުރޮޅުލީ އުޅަނދުފަހަރުގެ އޮޕަރޭޝަންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެގޮތުން މިކަން ހަގީގަތަކަށް ހެދުމަށްޓަކައި އަމިއްލަ ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާއިއެކު ގާތުން މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.



ރާއްޖޭގައި އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތަޢާރަފުކުރުމަށް ނިންމަވާފައިވާއިރު، ހެލިކޮޕްޓަރ ބޭނުންކޮށް 2 އިންޖީނުލީ ހެލިކޮޕްޓަރ ބޭނުންކޮށްގެން 'މެޑިވެކް' އާއި 'ސަރޗް އެންޑް ރެސްކިއު' ގެ ޚިދުމަތްތައް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް މިވަގުތު ފޯރުކޮށްދެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެކަންޏެވެ. ނަމަވެސް މިއީ ވިޔަފާރި އުސޫލުން ނުވަތަ ކޮމަރޝަލީ ދޭ ޚިދުމަތެއް ނޫނެވެ.

ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހެލިކޮޕްޓަރުގެ ޚިދުމަތް ދީފައި ވަނީ މީގެ ކުރިން 90 ގެ އަހަރުތަކުގެ ކުރީކޮޅު ހަމިންބާޑް ހެލިކޮޕްޓަރުތަކުންނެވެ. ހަމިންބާޑް އައިލެންޑް އެއާވޭސް އިން ރާއްޖޭގައި ހެލިކޮޕްޓަރ އޮޕަރޭޓްކުރަން ފެށީ 1989 ވަނަ އަހަރު އެވެ. ހަމިންބާޑުން 1999 ވަނަ އަހަރާއި ހަމައަށް ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށްފަހު ސީޕްލޭންގެ ޚިދުމަތަށް ބަދަލުކޮށް ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ނަމުގައި އެކުންފުނި ރީބްރޭންޑް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން