އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އެ ގައުމުގެ ހައި ކޮމިޝަނުން އިންތިޒާމްކޮށްގެން ހާއްސަ ހަފްލާއެއް ރޭ ބާއްވައިފި އެވެ.

އެ ހަފްލާއިން މި ސަރުކާރުގެ ބޭފުޅުން ފެނިގެންދިޔަ ނަމަވެސް ބޮޑަށް ފާހަގަވީ ކުރީ ސަރުކާރުގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ނެވެ.

އިންޑިއާގެ ހައި ކޮމިޝަންގައި ބޭއްވި އެ ހަފުލާގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުސަތިމް އަދުނާންއާއި މާލޭގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވެސް ބައިވެރިވެވަޑައިގައެވެ.

އޭގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންވެސް އެ ހަފްލާގައި ބައިވެރިވި އެެވެ.

އެ ހަފްލާ ނިންމާލީ އިންޑިއާގެ ކަލްޗަރަލް ސެންޓަރުގެ ހުށަހެޅުންތަކާ އެކު އެވެ.

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަހުނިޔާ ފޮނުއްވައިފަ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ތަހުނިޔާ ފޮނުއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން