ކުރިން ރޫޙު ހުރީ މި ސަރުކާރުގެ ގިނަ ވަޒީރުންނަށް ރުހުން ދޭން، ކަމަށާއި ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެއްޖެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ދައުރުން ބޭރުން އިއްޔެ ކުރިއަށް ދިޔަ ޖަލްސާގައި އެމްޑީޕީން ނިންމާފައި އޮތީ ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށެވެ.

ނަމަވެސް އިއްޔެ މަޖިލިސް ހަލަބޮލިވެ ހިނގި ހަމަނުޖެހުންތަކާއެކު ޖަލްސާ ރެއާ ހިސާބަށް ދިގު ދަންމައިގެންވެސް ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އިއްޔެ ހިނގައި ދިޔަ ހަމަނުޖެހުންތަކާއެކު ވަރަށް ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މެމްބަރުން ވަރަށް ސާފުކޮށް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް ރުހުމުގެ ވޯޓު ދޭކަށް ބޭނުމެއް ނުވެޔޭ މި ހިނގި ހަމަނުޖެހުމުގެ ސަބަބުން." ސަލީމް ވިދާޅުވި އެވެ.

އެހެންވެ ކުރިން ގިނަ ވަޒީރުންނަށް ރުހުން ދޭން، ރޫހު ހުރި ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން އެމްޑީޕީން ނެރެފައި އޮތީ ފްރީ ވިޕެއް ކަމަށާއި އެމްޑީޕީޣެ ކޮންމެ މެމްބަރުމަކު ވެސް ބޭނުންވާ ގޮތަށް ވޯޓު ދެއްވޭނެ ކަމަށެވެ.

ދައުރުން ބޭރުން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މިއަދު މެންދުރު އެކެއް ޖަހާއިރު އިތުރު ޖަލްސާއެއް ވެސް ބާއްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން