ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކޯވިޑް 19ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލައިފައިވާ މި ދަނޑިވަޅުގައި އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ރާއްޖޭގެ މަސައްކަތް ކުރާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައި ދިވެހި މަސައްކަތް ކުރުމަށް ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ ތެރެއިން މަސައްކަތް ކުރުމަށް އެކަށޭނަ ޤައިދީންނަށް އަފްޢާމެއް ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރުގެ ޤަރާރުގައި ވަނީ ކޯވިޑް 19ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލައިފައިވާ މި ހައްސާސް ދަނޑިވަޅުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ މަސައްކަތްތެރި ސިނާޢަތްތަކުގައި މަސައްކަތް ކުރަމުންދާ ބިދޭސީން މިއަދު މިވަނީ އަނބުރާ ޤައުމަށް ފޮނުވާލަން ޖެހިފައިކަމަށެވެ. މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޙާތަބުކޮށް، ދެއްވާފައިވާ ޚިޠާބުގައި ވަނީ ދިވެހިން ދިވެހިރާއްޖޭގެ މަސައްކަތުގެ މައިދާނަށް އަހުލުވެރިވެ، މަސައްކަތް ކުރުމަށް ނުކުތުމަށް އިލްތިމާސްކުރައްވާފައިވާ ކަމަށް ޖާބިރުގެ ގަރާރުގައި ވެއެވެ.

"ދިވެހި މަސައްކަތް ކުރުމަށް ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ ތެރެއިން ޖިނާޢީ ބޮޑެތި ކުށްތައް ކަމުގައިވާ ކުޑަކުދިންނާއި ބެހުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މީހުން މެރުމަށް ޙުކުމް ކުރެވި ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީން އިސްތިސްނާ ވާނެ ގޮތުގެ މަތީން، ދިވެހި އިޤްތިޞާދު އިއާދަކުރުމުގެ މަސައްކަތްތައް ކުރުމަށް ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ މަތީގައި ބަޔާން ކުރެވިފައިވާ ޤައިދީން އިސްތިސްނާ ވާނެ ގޮތުގެ މަތީން، ބާކީތިބި ޤައިދީން ދޫކޮށްލުމުގެ އަފްޢާމެއް ނެރެދެއްވުމަށް ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމު ކުރުމަށް ގޮވާލަން." ޖާބިރުގެ ޤަރާރުގައި ވެއެވެ.

ޖާބިރަކީ މިހާތަނަށް 19 ވަނަ މަޖިލީހުގައި އެންމެ ގިނަ އަދަދަކަށް ޤަރާރު މަޖިލީހަށް ހުށަހެޅުއްވި މެމްބަރެވެ. މަދު ގަރާރެއް މަޖިލީހަށް ބަލައިގަތް ނަމަވެސް ކުރުމަށް ފޮނުވާފައިވާއިރު، ބައެއް ޤަރާރުތައް ބަލައި ނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. މިގޮތަށް ބޭރުކޮށްލެވޭ ޤަރާރުތަކަށް ޖާބިރުވެސް ވޯޓް ނުދެއްވާ ފަހަރު އާދެއެވެ.



ކިޔުންތެރިންގެ ހިޔާލު