ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ އިން ނިންމައިފި އެވެ.

މިނިންމުން ނިންމާފައިވަނީ މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތައް ރީހެބިލިޓޭޓް ކުރުމުގައި، އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ.

މި ޕްރޮގްރާމް ހިންގާ ސަރަހައްދުތަކުނެ އެއް ސަރަހައްދުގެ ގޮތުގައި ލ. އަތޮޅު ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ވަނީ މި މަހުގެ 24 އިން 28 އަށް އެއަތޮޅުގެ 11 ރަށަކަށް ދަތުރުކޮށްފައެވެ. މިދަތުރުގައި ލ. ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، މާވަށް، ހިތަދޫ ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދޫއަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޭފުޅުން ވަނީ ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށްފައެވެ.

މި ރަށްތަކަށް ކުރާ ދަތުރަށް ފަހު ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައަޅާނީ އެ އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހުކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީއިން ހާމަކޮށްފައިވެ އެވެ. މިދިރާސާ ދަތުރުގައި އެން.ޑީ.އޭގެ ސީ.އީ.އޯ އިމާދް ސާލިޙް އަދި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އިސްމާއިލް އިބްރާހީމް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ލ. އަތޮޅުގެ އިތުރުން ދެން ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނިންމާފައިވަނީ ކާށިދޫ އަދި ވެލިދޫގައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ވަނީ މަސްތުވާތަކެތީގެ ގާނޫނު (17/2011) ގައި ބަޔާން ކުރާފަދަ، ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޤާއިމުކޮށް ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން