ގިރާވަރުފަޅު ހިއްކުން ހުއްޓިފައި ވަނީ ކުރީ ސަރުކާރުން ބިލަކަށް ފައިސާ ނުދައްކާ އޮތުމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ގިރާވަރު ފަޅުން މިހާތަނަށް 50 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި އެހެން ނަމަވެސް މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަކީ 197 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއު ހުއްޓިފައި އޮތް ސަބަބުވެސް މިނިސްޓަރު ސާފުކޮށްދެއްވި އެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު, އޮކްޓޯބަރު ހިސާބުގައި ކޮންޓްރެކްޓަރު ހުށަހެޅި ބިލަކަށް ފައިސާ ނުދައްކާ އޮތުމުން އެ މަޝްރޫއު ފެށުމުގައި ލަސްތަކެއް އުޅެނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ހުއްޓިފައި އޮތް އެންމެ ބޮޑު ސަބަބަކީ ދައުލަތުން ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާގެ ޑިލޭއެއް، އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު/ އޮކްޓޯބަރު ހިސާބުގައި ލާފައި އޮތް ބިލަކަށް ޕޭމަންޓް ނުލިބިގެން ޑިލޭއެއް އައިސްފައި ވަނީ،" މުއްތަލިބް ވިދާޅުވި އެވެ.

"މަސައްކަތް ކުރަމުން މި ގެންދަނީ އެއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާއަށް ވާތީވެ، އެ ފައިސާ ވީހާ ވެސް އަވަހަކަށް ހަމަޖައްސައި ދީގެން މަޝްރޫއު އަލުން ފަށައިގެން ކުރިއަށް ގެންދެވޭތޯ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ގިރާވަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމައި ހަމަ ގުޅިފަޅާ އެއްގޮތަށް އެ ތަނުގެ ސާވިސްތަކާ އެއްޗެހި ވެސް ގާއިމްކުރުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރުވެސް ގިރާވަރުގައި އަސާސީ ހިދުމަތްތައް ގާއިމްކުރަން މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވެސް އެބަހުރި ކަމަށެވެ. އަދި އެކަމުގެ އެއްބަސްވުންތައް ވެސް ވަރަށް އަވަހަށް ހެދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން