ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން އަޒުލުކުރަން ކިތަންމެ މަސައްކަތެއް އިދިކޮޅުން ކުރި ނަމަވެސް އެ މަނިކުފާނު ވަރުގަދަކޮށް ވެރިކަމުގައި ދެމިހުންނަވާނެ ކަމަށް މަޖިލީހުން ރުހުން ނުދިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒު ޢަޒުލު ކުރުމަށް ހުށައަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝަހީމް މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އިދިކޮޅުން ބޭނުންހާ ގޮަތަކަށް ރައީސް އަޒުލު ނުކުރެއްވޭނެ ކަމަށެވެ.

އަދި ޒާތީ ކަންކަން ކުރިއަށް ނެރެ ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމް ފުނޑުފުނޑު ކޮށްލައި ގާނޫނީ ވެރިކަން ހަސަދައާއި ރުޅިވެރިކަމުން ފުރޮޅާލަން ޖާގައެއް ނުދެއްވޭނެ ކަމަށެވެ.

"ރައީސް މުއިއްޒު ވަރުގަދަކޮށް ވެރިކަމުގައި ދެމި ހުންނަވާނެ، އިންޝާ ﷲ." މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ގެނެސްފައިވާ ބަދަލާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ގުނާގޮތަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލަނީ 80 އެވެ. އެހެން ވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން