މިއަދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގަތް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަދި ބަންޑާރަ ނައިބު އުޝާމް އަޙުމަދު އަލުން މިއަދު މަޤާމަށް އައްޔަނު ކުރައްވައިފިއެވެ.

މި ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް ޢައްޔަންކުރެއްވި ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރައްވާފައިވާ ކަމަށެވެ. އެ ދެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައި ކަމަށާއި ހުވައި ކުރެއްވުމަށްފަހު، އެ ދެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އަދި މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު އަޙްމަދު އުޝާމު މަޤާމުގެ ހުވައިކުރެއްވި ކަމަށާއި އުޝާމް އެޓަރނީ ޖެނެރަލްގެ މަގާމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. އަދި ހުވައި ކުރެއްވުމަށްފަހު، ހުވައިގެ އިޤްރާރުގައި އެޓަރނީ ޖެނެރަލް ސޮއިކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި ތިން ބޭފުޅުން މިއަދު މަޤާމުގެ ހުވާ އަލުން ކުރައްވާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވަނީ މިއަދު ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ތިން ބޭފުޅުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

މަޖިލީހުން ކެބިނެޓް މިނިސްޓަރުންނަށް ރުހުން ދޭން ފާސްވާނީ މަދުވެގެން 35 ވޯޓު ލިބިގެންނެވެ. މި ތިން ބޭފުޅުންނަށް ރުހުން ނުދޭނެކަމަށް ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީން ވަނީ މާ ކުރިންވެސް ބުނެފައެވެ. އެހެން ނަމަވެސް، މަޖިލީހުން ރުހުން ނުދިނަސް، ވަޒީރަކު މަޤާމުން ދުރުކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށެވެ. މަޖިލީހުން ރުހުން ނުލިބުނަސް، ވަޒީރެއްގެ މަޤާމު ގެއްލިގެންދާނެ ކަމަށް ޤާނޫނު އަސާސީގައި ބުނެފައެއް ނުވެއެވެ.

ކެބިނެޓަށް އައްޔަން ކުރުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި ރުހުން ހޯދަން މަޖިލީހަށް ނަންތައް ފޮނުވަން ޤާނޫނު އަސާސީން ލާޒިމުކޮށްފައި ވެއެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ މަޖިލީހުގެ ދައުރު ނިންމާލާފައިވަނީ މި މައްސަލައިގައި ގޮތް ނިންމުން ފަސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން