ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ލީޑަރޝިޕުން ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ވެރިކަން ގެއްލުމުގެ ހިތްދަތި ކަމުގައި ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަހުމަދު ސިރާޖު ވިދާޅުވެއްޖެއެވެ.

މީގެ ކުރީގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި ސިރާޖް މިގޮތަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިރާޖް ވިދާޅުވީ ޤާނޫނު އަސާސީގެ ރޫޙަކީ ވަޒީރުކަމުގެ ޝަރުޠު ހަމަވާނަމަ ރުހުން ދިނުން ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީ މެންބަރުން ވަޒީރުންނަށް ރުހުން ދޭން އިންކާރުކުރުމުން ސިރާޖް ވަނީ އެމްޑީޕީގެ ފަރާތުން މިގޮތަށް ނިންމާފައިވަނީ މައިގަނޑު ގޮތެއްގައި އެޕާޓީގެ ލީޑަރޝިޕުން ބޭނުންވެގެން ކަން ފާހަގަކުރައްވާފައެވެ.

"ޤާނޫނު އަސާސީގެ ރޫހަކީ ޙަޤީޤަތުގައި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ޢައްޔަންކުރައްވާ ވަޒީރުންނަށް ރުހުން ދިނުން، ފުރަތަމަ މަރުހަލާގައި މި އޮންނަނީ ކޮމިޓީއަށް ފޮނުވާ އެބޭފުޅުންގެ އެހުންނަ ޝަރުތު ފުރިހަމަވޭތޯ މަޖިލީހުން ޔަގީންކުރުން. ރައްޔިތުންގެ މަޖިލީހުގެ އެކަމާއި ގުޅޭ ކޮމިޓީން އެކަން ބަލާފައި ހުރިހާ މިނިސްޓަރުންނަށް ރުހުން ދޭން ފެންނަކަމަށް ފޮނުވި. އެންމެ ފުރަތަމަ ރިޕޯޓް ފޮނުވިއިރުގައި މަޖިލީސް ރައީސް، ގަވާއިދާއި ޚިލާފަށް ނިންމެވީ އެ ރިޕޯޓްގައި ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަން ޖެހިފަ ނެތް ކަމަށް ބުނެ. މިގޮތަށް ޖެހިފަ ނެތީތީ އަނބުރާ ކޮމިޓީއަށް ފޮނުވާލީ. އެގޮތަށް ފޮނުވީމަ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ނިންމީ ހުރިހާ ވަޒީރުންނަށް ޝަރުތު ފުރިހަމަވާތީ އެއްވެސް މައްސަލައެއް ނެތީތީ ރުހުން ދޭން ފެންނަ ކަމަށް. އެހެންވީމަ، މިއީކީ މިހާ ސާފުކޮށް އޮތް މައްސަލައެއް." ސިރާޖް ވިދާޅުވިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމާއި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރަށް ރުހުން ނުދިނުމަށް ނިންމާފައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމަށް އިންކާރު ކުރަނީ އެއްވެސް ސަބަބަކާއި ނުލާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ އެ ދެ ޕާޓީއަށް ފާޑު ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން