އިސްރާއީލާ ދެކޮޅަށް ސައުތު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަން ނިންމުމާއި ގުޅިގެން އެކަމަށް ހާއްސަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ނަސްލު ނައްތާލުމުގެ މުއާހަދާއާ ހިލާފަށް، ފަލަސްތީނުގެ ރައްޔިތުންނާމެދު އިޒްރޭލުން އަމަލުތައް ހިންގާތީ ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ، އެ މަސައްކަތުގައި ރާއްޖޭގެ އެޖެންޓަކަށް ހުންނަވާނީ ބަންޑާރަނައިބު އަހުމަދު އުޝާމް ކަމަށެވެ.

އެހެންކަމުން އެކަމާއި ގުޅޭ މަސައްކަތްތައް މިހާރު ވެސް ފެށިފައިވާކަން ހާމަކުރައްވަމުން އުޝާމް މިއަދު ވިދާޅުވީ، ކެބިނެޓްގެ ނިންމުމާއި ގުޅިގެން، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރުމާއި ގުޅޭ އެ މުހިންމު މަސައްކަތުގައި ވަކާލާތުކުރުމަށް ބައިނަލްއަގުވާމީ އެކްސްޕާޓުން ހިމެނޭ ޓީމެއް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަމަވެސް، އެ ޓީމުގައި ހިމެނެނީ ކޮންކޮން ގައުމުތަކެއްގެ ބޭފުޅުންނެއްކަމެއް އުޝާމް ހާމަކުރައްވާފައެއް ނުވެއެވެ.

އިސްރާއީލާއި ދެކޮޅަށް އެފްރިކާއިން ހުށަހެޅި މައްސަލައިގައި، އދ. ގެ އެންމެ މަތީ ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލަން އަމުރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން