ބޭރު ގައުމެއްގެ ނުފޫޒުގައި ޖެހިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒަލުކުރަން އުޅުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒު ޢަޒުލު ކުރުމަށް ހުށައަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. ޝައިޚު ޒައިދު އެ ޢިޝާރާތް ކުރެއްވި ފަދައިން މިކަމަކީ އެމްޑީޕީ ސަރުކާރުގައި ޚާއްސަ ގުޅުމެއް ބޭއްވި އިންޑިއާގެ ރުހުން ހޯދަން ކުރަން އުޅޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެކަމާ ގުޅިގެން ޒައިދު ކުރެއްވި އެކްސްއެއްގައި ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އޭގެ ހުރި ނުބައި ކަމާއި ނުރައްކާތެރިކަން ޝައިހު ޒައިދު ވިދާޅުވެދެއްވާފައި ވެއެވެ.

ޒައިދު ވިދާޅުވީ ބޭރު ގައުމެއްގެ ނުފޫޒުގައި ޖެހިގެން، ރާއްޖޭގެ ރައްޔިތުން މިނިވަންކަމާއެކު ހޮވާފައިވާ ރައީސަކު ޢަޒުލު ކުރަން އުޅުމަކީ ގައުމަށް ޣައްދާރުވާ މީހުން ކުރާފަދަ ކަމެއް ކަމަށެވެ.

"މިއީ ވަރަށް ނުރައްކާތެރިި ސިގްނަލެއްގެ ފެށުން! ދިވެހި ރައްޔިތުން ވަރަށް ހުޝިޔާރުވާންޖެހޭ!" ޒައިދު ވިދާޅުވި އެވެ.

ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ގެނެސްފައިވާ ބަދަލާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ގުނާގޮތަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލަނީ 80 އެވެ. އެހެން ވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން