ދިވެހީން އާންމުކޮށް ބޭނުންކުރާ ޕެނަޑޯލްގެ ބާވަތެއް ވިއްކުން ވަގުތީ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެފްޑީއޭއިން މަނާކޮށްފައިވާ ޕެނަޑޯލަކީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސްމިތުކްލައިން ބީޗަމް ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ ޕެނެޑޯލެކެވެ. މިއީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބާވަތެއްގެ ބޭހެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އެތެެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން "'ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން" އެއް ހަދައި އެ ޕްލޭންއާ އެއްގޮތަށް "ރޭންޑަމް ސާމްޕަލް" ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި ޕެނަޑޯލް (ޕެރަސެޓްމޯލް) ޓެސްޓުކުރި އިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ. މިއީ ބޭހުގެ ބައެއް ގުޅަތައް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާކުރުމުގައި ފުރިހަމަކުރަން ޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރެވުމުން ކަމަށް އެފްޑީއޭ އިން ބުނެފައި ވެއެވެ.

"މިފަދަ މައްސަލައެއް ދިމާވެފައިވާ ބޭހެއް ބޭނުންކުރުމުން ބޭހުން ލިބެން ޖެހޭ ފައިދާ ނުވަތަ ބޭހުގެ އެފެކްޓިވް ނުކުރެވުމުގެ ފުރުސަތު ބޮޑެވެ." އެ އޮތޯރިޓީގެ ބަޔާނުގައި ވެއެވެ.

އެހެންވެ އެކަމާ ގުޅޭ ތަހުގީގު ނިމެންދެން ފާމަސީތަކުން ބޭސް ނުވިއްކުމަށާއި އަދި މިހާރު މި ބޭސް ރާއްޖެ އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން