ހަމައެއް ލަމައެއް ނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލެއް ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒު ޢަޒުލު ކުރުމަށް ހުށައަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ފާސްކޮށްފަ އެވެ.

އަދި އެކަމަށް ބޭނުންވާ ވަރަށް ސޮއި މަޖިލީހުގެ ތެރެއިން ވަނީ ހޯދައިފަ އެވެ. ނަމަވެސް އަދި އެ މައްސަލަ މަޖިލީހަކަށް ނުވައްދަ އެވެ. އެހެން ނަމަވެސް ރައީސް ވަކިކުރުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާކަން ވަނީ އެނގިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޝަޙީމް މިއަދު ކުރެއްވި އެކްސްއެއްގައި ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޝަހީމް ވިދާޅުވީ ދިމިގުރާޠީ ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާއަކު އެއްވެސް ހަމައެއް ލަމައެއްނެތި އަޒުލެއް ނުކުރެވޭނެ ކަމަށެވެ.

"ޤާނޫނީ ވެރިކަން ހިންގަން ފުރުޞަތު ދޭންޖެހޭނެ. ރައީސް ޑރ މުއިއްޒު ވެރިކަން ކުރައްވަމުންގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި" ޝަހީމް ވިދާޅުވި އެވެ.

ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ގެނެސްފައިވާ ބަދަލާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ގުނާގޮތަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލަނީ 80 އެވެ. އެހެން ވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. ނަމަވެސް އަދަދު ކަނޑައެޅިގޮތް ގޯސްކަމަށް ބުނެ އެ މައްސަލަ ސަރުކާރުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން