މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދީފައި ވަނިކޮށް އެ ތިން ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަނުކުރުމަށް ހުވާ ލައިދިނުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސުޕްރީމް ކޯޓަށް ތައުރީފް ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ދެ ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ނުދީފަ އެވެ. އެހެން ނަމަވެސް، ރުހުން ނުދިން ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ ރުހުން ނުލިބުނު ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމް އަލުން އެ މަޤާމްތަަކަށް ޢައްޔަންކުރައްވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް ޢައްޔަން ކުރެއްވުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލު އިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި، ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް ސާފުކޮށް ޤާނޫން އަސާސީގައި ލިޔެ، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ލާޒިމް ކޮށްފައިވަނީ ހެޔޮ ގޮތުގައި ދައުލަތް ހިންގުމުގެ ބޭނުމުގައި ކަމަށެވެ.

ގާސިމް ފާހަގަ ކުރެއްވި ގޮތުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީން ދިރާސާކޮށް އެއިން އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާކަމަށް ނިންމާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދޭންޖެހޭކަމަށް ކޮމެޓީގެ އިއްތިފާގުން އޮތީ ނިންމާފައެވެ.

އެހެން ނަމަވެސް ގާނޫން އަސާސީގެ 75 ވަނަ މާއްދާއާއި ޚިލާފަށް އެމް.ޑީ.ޕީގެ ޕާލިމެންޓް ގުރޫޕުން 3 ލައިންވިޕް ކުއްލިއަކަށް އަޅައި، ނުހަނު ޢިލްމީ އަދި އެހާމެ ޤާބިލް 3 ވަޒީރަކަށް ރުހުން ނުދިނުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އޮތުމުން މަޖިލީހުގެ ޤަވާއިދުގެ އިމުން ބޭރުން، އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ އެފަދަ ކަންކަމުގެ ނަތީޖާ ވެގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދެރަ އަކަށް ކަމަށެވެ.

އަދި އޭގެ ސަބަބުން މުޅި ޤައުމަށާއި ރައްޔިތުންނަށް ބޮޑު ހިތާމައެއް ލިބިގެންދާނޭ ކަމަށާއި އެއާއެކު މުސްތަގުބަލުގައި ޤައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ހަމަޖެހުމާއި، އުފާފާގަތިކަމަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ. އަދި އޭގެ ސަބަބުން މުޅި ގައުމު ފަސާދަވުމަށް މަގުފަހިވެ، ޤައުމުގެ ކުރިއެރުން ހުއްޓޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެހެން ކަމުން އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސުލް ޖުމްހޫރިއްޔާ އަށާއި، ރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އޮތް ކަން ހާމަކުރަމެވެ. ސްޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ފަނޑިޔާރު ޖަސްޓިސް ހުސްނުއްސުޢޫދު އެތިން ވަޒީރުންނަށް އަލުން ހުވައިލައިދެއްވުމަކީ، ޤާނޫން އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް ޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ޤަބޫލު ކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ." މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން