ޒިންމާދާރު މަޤާމްތަކުގައި ތިއްބަވާ ޚިދުމަތްތެރިންގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމުގައި ދިވެހި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިގޮތަށް ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ބަޔަކު ހަމަލާ ދިނުމާއި ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ވިދާޅުވީ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް މިއަދު ދިން ނުރައްކާތެެރި ޙަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެހެންކަމުން ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ ޢަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިޚްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ. އަދި ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ޚިދުމަތްތެރީންގެ ރައްކައުތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެ." ޚަލީލް ވިދާޅުވިއެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެމުން ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން