މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ސުލްޠާން އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މެލޭޝިޔާގެ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖްގައި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން، ރަސްގެފާނު ސުލްޠާން އިބްރާހީމްގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެ އާރޯވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދެޤައުމުން އެކުގައި މަސައްކަތްކޮށް ދެޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖް ނިންމަވާލެއްވެވީ މެލޭޝިޔާގެ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން