ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭރުގެ ހަ ގައުމަކާއި 37 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވަނީ ބަހައްޓަން ނިންމާފައިވާ ވޯޓު ފޮށީގެ ތަފްސީލުތައް މީސް މީޑިއާގައި ހާމަކުރަށްވާފަ އެވެ.

އެގޮތުން ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލޭގައި ބަހައްޓާ 181 ވޯޓު ފޮއްޓާއި ހުޅުމާލޭގައި ބަހައްޓާ 50 ފޮއްޓާއި ވިލިމާލޭގައި ބަހައްޓާ ނުވަ ފޮށީގެ އިތުރުން އަތޮޅު ތެރޭގައި ބަހައްޓާ 319 ފޮއްޓެވެ. އަދި ރާއްޖެއިން ބޭރުގައި ހަ ފޮއްޓަކާއި ރިސޯޓްތަކުގައި ބަހައްޓާ 37 ފޮއްޓަކާއި ޖަލުތަކުގައި ބަހައްޓާ ފަސް ފޮށީގެ އިތުރުން ސިނާއީ އެއް ފޮށި ހިމެނެ އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ބޭނުންވާ މީހުން ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަސް ރޯދަ މަހުގެ ދުވަހަކަށް ވާތީ ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެމްޑީޕީން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން