ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯއްޗާއި ފުލެޓް ލިބޭނެކަން ގާނޫނަކުން ކަށަވަރު ކޮށްދޭނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވިދާޅުވެއްޖެއެެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަަން ފޯރުކޮށްދިނުމަށް ކުރި އިއުލާނާއި އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށް ކުރިމަތިލީ ފަރާތްތައް ދިރާސާކޮށް ޝަރުތު ހަމަވެ ޕޮއިންޓް ދީގެން ގޯއްޗާއި ފުލެޓް ލިބޭނެ ފަރާތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސާލިޙުގެ ސަރުކާރުން ރައްޔިތުންނަށް ދިން ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްކޮށް އެކަން ނުކޮށް ވާނެ ހުރިހާ ގޮތެއްް ރައީސް މުޢިއްޒު ސަރުކާރުން ހޯދަމުން ގެންދާ ކަމަށް ޢީސަ ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމަށް މޮޅު ގޮތެއް މި ސަރުކާރުން ރާވަމުންދާތީ ރައްޔިތުންގެ އެ ހައްގު ކަށަވަރުކޮށްދެވެން އޮތީ މަޖިލީހުން ފާސްކުރާ ގާނޫނީ ނިޒާމަކުން އެހައްގު ކަށަވަރުކޮށްދިނުން ކަމަށް އީސަ ވިދާޅުވިއެވެ. އެހެންކަމުން ކުރީގެ ސަރުކާރުން ދިން ގޯއްޗާއި ފުލެޓް ލިބޭނެކަން ޔަގީން ކުރުމަށް އެކަމަށް ހާއްސަ ގާނޫނެއް ހަދައި މަޖިލީހުގެ މިދައުރުގެ ތެރޭގައި އެ ހައްގު ކަށަވަރު ކޮށްދެއްވާނެ ކަމަށް އީސަ ވިދާޅުވިއެވެ.

"ވެރިކަން ހިންގާ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ ހައްގެއް ރާވައިގެން ނުދިނުމަށްޓަކައި ނިގުޅައިގަންނާނެ ސަބަބުތަށް ހޯދަން މަސައްކަތް ކުރާ ހިސާބަށް ކަންތައް ދިޔައީމާ ދެން ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކަށް މަޖުބޫރުވާނެ އެހައްގު ގާނޫނަކުން ކަށަވަރުކޮށްދޭން، އަޅުގަނޑުމެން އެ މަސައްކަތް މި ފަށަނީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރީގައި ނިމިދިޔަ އިބްރާހިމް މުޙައްމަދު ސާލިޙުގެ ވެރިކަމުގައި ފުލެޓާއި ގޯތި އެ އޮތް އުސޫލުގެ ތެރެއިން ހައްގުވެގެން ލިބިފައިވާ ފަރާތްތަކަށް އަޅުގަނޑުމެން އެ ގޯއްޗާއި ފުލެޓް ގާނޫނަކުން ކަށަވަރު ކޮށްދޭނަން،" އީސަ ވިދާޅުވިއެވެ.

ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި ބިންވެރިޔާ ސްކީމުގެ ދަށުން 9000 އަށް ވުރެ ގިނަ ގޯތި މާލޭގެ ރައްޔިތުންނަށް ވަނީ ދޫކޮށްފައެވެ. އެންމެ ގިނަ ގޯތި ދޫކުރީ ގިރާވަރުފަޅުންނެވެ. އެ ތަނުން 5،433 ގޯތި ދޫކޮށްފައި ވާއިރު، ހުޅުމާލެއިން 1351 ގޯތި އަދި ގުޅީފަޅުން 2،219 ގޯތި ދޫކޮށްފައިވެ އެވެ. މިދިޔަ ސަރުކާރު ނިމުނުއިރު ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ވަނީ ހަވާލުކޮށް ނިންމައިފަ އެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ގޯތި ދީފައި ވަނީ ނުހިއްކާ ހުރި ފަޅުތަކަކުން ކަމަށްވާތީ ބިން ހިއްކައި ނިމޭ ވަރަކުން ގޯތި ހަވާލު ކުރަމުން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ކުރީ ސަރުކާރުން ދޭން ކަނޑައެޅި ފްލެޓްތައްވެސް އޭސީސީން ބަލަމުންދާ މައްސަލަ ނިމުނުހާ އަވަހަކަށް ހަވާލު ކުރާނެ ކަމަށް މި ސަރުކާރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން