ޕްރޮސިކިއުޓަރ ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައެވެ. އޭނާއަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު ބައިވެރިވެގެންނެެވެ.

ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ މަރުތޭލަކުންނެެވެ. ޝަމީމަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައި އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ ޕީޖީ ހުސައިން ޝަމީމަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. އެކަމަކު، އެކަން ކުރީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެމައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެެ. ސީޕީ ވިދާޅުވީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށާއި އެ ދެމީހުންގެ ވަނަވަރާއި އުމުރު ފަހުން މީޑިޔާ އަށް ހާމަ ކުރައްވާނެ ކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވި ޕީޖީ އަށް ދިން ހަމަލާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، އެ މައްސަލައިގެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ފުލުހުން މިއަދު ބުނީ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި އިތުރު ބަޔަކު ތިބެދާނެކަމަށްބަލާ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާއަށް ފަހު އޭނާގެ ސަލާމަތީ ކަންކަން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން