ޕްރޮސެކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމަށް ހަމަލާދީފައިވަނީ އޭނާ އަށް ސެކުއިރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝަމީމަށް ދެމީހަކު އިއްޔެ ހަމަލާ ދިން މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވީ މީގެ ކުރިން ޕީޖީ ޝަމީމަށް ފުލުހުން ސެކިއުރިޓީ ފޯރުކޮށްދެމުން ގެންދިޔަ ކަމަށެވެ. އެގޮތުން މީގެ ކުރިން ޕީޖީއަށް ސެކިއުރިޓީ ފޯރުކޮށްދެމުން ގެންދިޔައީ ކޯޓެއްގައި ހިނގަމުން ދިޔަ މައްސަލައަކާއި ގުޅިގެން އޭރު ފުލުހުން ހެދި ތްރެޓް އެސެސްމެންޓެއްގައި ޕީޖީއަށް ތްރެޓެއް އޮތް ކަމަށް ފެންނާތީ ކަމަށް ސީޕީ ވިފާޅުވިއެވެ. އެހެން ނަމަވެސް ކޯޓުގައި އޮތް މައްސަލަ ނިމުމުން ޕީޖީއަށް ސެކުއިރިޓީ ހުއްޓާލާފައިވާ ކަމަށާއި ޕީޖީއަށް ހަމަލާދީފައިވަނީ ސެކިއުރިޓީ ހުއްޓާލާފައިވާ ދަނޑިވަޅެއްގައި ކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.

ޕީޖީއަށް ސެކިއުރިޓީ ފޯރުކޮށްދީފައިވަނީ ކޯޓުގައި ހިނގަމުންދިޔަ ކޮން މައްސަލައަކާއި ގުޅިގެން ކިހާ މުއްދަތަކަށް ކަމެއް ސީޕީ ހާމަ އެއް ނުކުރައްވައެެވެ.

ފުލުހުން މިއަދު ބުނީ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައާއި ގުޅިގެން ދެމީހަކު މިހާރު ދެނެގަނެވި، އެ ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށާއި އެ ހަމަލާގައި ހައްޔަރު ކުރި ދެމީހުންގެ އިތުރުން އެހެން މީހުން ތިބެދާނެ ކަމަށް ބެލެވޭތީ އެކަން ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެެ.

މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލުގައި ގޮސް މަރުތޭލަކުން ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ނޫރު މިސްކިތް ކައިރިން ހިންގަވާފައި ވަޑަައިގަންނަވަނިކޮށެވެ. އެހަމަލާގައި ޕީޖީ ޝަމީމްގެ ވައަތުގައި ރެނދުލައި ކަށިގަނޑަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން