ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް ބަޔަކު ހަމަލާ ދިން ހާދިސާއަށްފަހު ދައުލަތުގެ ވެރިންނަށް ސެކިއުރިޓީ ދޭ އުސޫލު ރިވިއު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތްތަކަށް ގެންގުޅޭ ސެކިއުރިޓީގެ މިންގަނޑު ރިވިއު ކުރަން ނިންމާފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ދައުލަތުގެ ވެރިންގެ ތުރެޓް އެސެސްމެންޓެއް ހެދުމަށްފަހު ތުރެޓް އޮތް މިންވަރަކުން އެ ބޭފުޅަކަށް ސެކިއުރިޓީ ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ވެރިންނަށް 24 ގަޑިއިރު ސެކިއުރިޓީ ދިނުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދައުލަތުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް ފޯރުކޮށްދޭ ސެކިއުރިޓީއަކީ އެ ބޭފުޅުން ބޭނުންވުމުން ނަގާ ގޮތަށް އޮންނަ "ޗޮއިސް"އެއް ނޫން ކަމަށާއި އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަންގާ ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ސީޕީ މިއަދު ވިދާޅުވިއެވެ. ސީޕީ ޝުޖާޢު ވިދާޅުވީ މީގެ ކުރިން ޕީޖީއަށް ފުލުހުން ސެކިއުރިޓީ ދެމުން ގެންދިޔަ ކަމަށާއި އެއީ ކޯޓުގައި ހިނގި މައްސަލައަކާ ގުޅިގެން ހެދި ތްރެޓް އެސެސްމެންޓަކުން ތްރެޓް އޮތް ކަމަށް ފާހަގަވާތީ ކަމަށެވެ. އެހެން ނަމަވެސް އެމައްސަލަ ނިމުމުން ފުލުހުން ސެކިއުރިޓީ ހުއްޓާލި އެ ތްރެޓް ވެސް ނިމުމާ އެކު ކަމަށް ސީޕީ ވިދާޅުވިއެވެ.

އިއްޔެ ހެނދުނު ނޫރު މިސްކިތް ކައިރިން ޕީޖީ ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލަ އާއި ގުޅިގެން ފުލުހުން މިހާރު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ ދެމީހުން ވެސް ހައްޔަރުކުރީ މާލެ އިން ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ވަނަވަރާއި އުމުރު ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން