އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވޯޓްދިނުމުގެ ހައްޤު 25،325 މީހުންނަށް ލިބިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީ ތަމްސީލުކުރައްވާ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ 149 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ.

95 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މާލޭގައި 27 ވޯޓް ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މާލޭގެ މަޖީދިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލުގައި ވޯޓްލުން ކުރިއަށްދާނެ ކަން ފަލާހު ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ކުޑަފަރީއާއި ކެނދިކުޅުދޫގެ ވޯޓު ފޮށި ބަހައްޓާނީ އެމްޑީޕީ ހަރުގޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުޑަހުވަދޫގައި ވޯޓު ފޮށި ބަހައްޓާނީ އެމްޑީޕީ އޮފީހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މި އިންތިހާބުގައި، މާލޭގެ ވޯޓް ކަރުދާސް ހުންނާނީ ކުލައިން ކަމަށާއި އަތޮޅު ތެރޭގެ ވޯޓް ކަރުދާސް ހުންނާނީ ކަޅާއި ހުދުން ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެއްވެސް މެންބަރަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ހައެއްކަ ދާއިރާއެއްވާ ކަމަށާއި އެހެން ނަމަވެސް އެދާއިރާތަކަށް ކެންޑިޑޭޓުން ނެރުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެދާއިރާތަކުގެ ޓިކެޓަށް ވާދަކުރަން އަލުން ހުޅުވާނުލި ނަމަވެސް ގޮފިތަކާ ވާހަކަ ދައްކައިގެން ޝައުގުވެރިކަން ހުރި ކެންޑިޑޭޓުން ހޯދަން މަޝްވަރާކުރަމުންދާ ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ކޮން ދާއިރާތަކެއްކަން ފަލާހު ހާމަކުރައްވާފައެއް ނުވެެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ގައެވެ. އެހެން ނަމަވެސް، އެއީ މިއަހަރުގެ ރަމަޟާން މަހުގެ ދުވަހެއް ކަމަށްވާތީ މި ތާރީޚު ބަދަލުކުރެވޭތޯ މަސައްކަތް ކުރުމަށް އެމްޑީޕީ ހިމެނޭހެން ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަނާއި މަޝްވަރާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން