ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ފުލުހުން މިއަދު ހައްޔަރު ކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރު މިއަދު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ދަރިފުޅު ގޮވައިގެން ސްކޫލަށް ގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައެވެ. އޭނާއަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު ބައިވެރިވެގެންނެެވެ.

މަރުތޭލެއް ބޭނުންކޮށްގެން ޝަމީމަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައި އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިއްޔެ ވަނީ ދޫކޮށްލާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ ޕީޖީ ހުސައިން ޝަމީމަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. ސީޕީ ވިދާޅުވީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށާއި އެ ދެމީހުންގެ ވަނަވަރާއި އުމުރު ފަހުން މީޑިއާއަށް ހާމަ ކުރައްވާނެ ކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވި ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި އިތުރު ބަޔަކު ތިބެދާނެކަމަށް ބަލާ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން