ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް އިއްޔެ ހެނދުނު ދިން ހަމަލާ ދޭން އުޅުނީ އޭނާގެ އިސްތަށިފުޅަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެގޮތަށް ބުނީ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ. އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޕީޖީ ޝަމީމަށް މަރުތޭލަކުން ހަމަލާ ދޭން އުޅުނީ އޭނާގެ އިސްތަށިފުޅަށް ކަމަށެވެ.

އެހެން ނަމަވެސް ހަމަލާ އަރާފައިވަނީ ޕީޖީ ޝަމީމްގެ އަތްޕުޅުގެ މުލައްދަނޑި އަށް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާގޮތުން އެމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ޕީޖީ ޝަމީމަށް ހަމަލާ ދޭން އުޅުނު މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ ސްނެޕް ޝޮޓްތަކެއް ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ހައްޔަރުކުރި މީހުންނަކީ އެބާވަތުގެ ކުށުގެ ރިކޯޑް އޮތް ބައެއް ކަމަށް އަމުރުގައިވެއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އެ ހަމަލާގައި ހައްޔަރު ކުރި ދެމީހުންގެ އިތުރުން އެހެން މީހުން ތިބެދާނެ ކަމަށް ބެލެވޭތީ އެކަން ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެެ.

މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލުގައި ގޮސް މަރުތޭލަކުން ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ނޫރު މިސްކިތް ކައިރިން ހިންގަވާފައި ވަޑަައިގަންނަވަނިކޮށެވެ. އެހަމަލާގައި ޕީޖީ ޝަމީމްގެ ވައަތުގައި ރެނދުލައި ކަށިގަނޑަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވިއެވެ.

ފުލުހުން ގެންދަނީ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި މިމައްސަލަ ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން